Ads by Farudhun

ޚަބަރު

ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އަންނަ އަހަރު ހިމަނަނީ

ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އަންނަ އަހަރު ހިމަނަނީ

އިސްދޫގައި ހުންނަ ހިރިގަލު މިސްކިތް ފޮޓޯ: ކޮރަލް ސްޓޯން މޮސްކްސް އޮފް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 11:53

01 ޖުލައި 2026، 11:53

ރާއްޖޭގައި ހުރި ތާރީޚީ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އަންނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހީނާ ވަލީދު މިފަދައިން ވިދާޅުވީ، ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ފައިލު ތައްޔާރުކޮށް، މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ޑޮޒިއާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ޔުނެސްކޯގެ އިވެލުއޭޝަން ޓީމުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ އައިސް މިސްކިތްތައް ބަލައި، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުޒާރާއިން ވަމުންދާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، "އެގޮތުން މެނޭޖުމަންޓް ޕްލޭންތައް ތަންފީޒުކުރުމާއި، ހުށަހެޅިފައިވާ މިސްކިތްތަކުގައި ކުރަންހުރި ބައެއް ކަންކަން ކުރުން މިވަގުތު ކުރިއަށް އެބަދޭ. އިވަލުއޭޓްކުރުމަށްފަހު ގެންނަން ޖެހޭ ބަދަލުތައް ގެނެސް ހުށަހެޅުމުން ލިސްޓުގައި ހިމެނޭނީ 2025 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ،" ކަމަށެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހިރިގަލު މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ:

  • މާލޭ ހުކުރު މިސްކިތް
  • ހއ. އިހަވަންދޫ ހުކުރު މިސްކިތް
  • ރ. މީދޫ ބާ މިސްކިތް
  • އދ. ފެންފުށީ ހުކުރު މިސްކިތް
  • ލ. އިސްދޫ އާސާރީ މިސްކިތް


ރާއްޖޭގެ ހިރިގަލު ވަޑާމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު ފަންނީ މަސައްކަތެއްގެ ގޮތުގައި ތަރިކައިގެ ދާއިރާގެ މާހިރުން އަބަދުވެސް ފާހަގަކުރައްވައެވެ. މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުމަކީ ރާއްޖޭގެ ސަގާފަތާއި ތާރީޚު ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ބަލައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450