ދުނިޔެ
ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި 14 ކުދިން މަރުވެއްޖެ
ފުރާޅު ވެއްޓި އަނިޔާވި ބައެއް ކުދިން
ޕާކިސްތާނުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ލާހޫރުގައި، އިމާރާތް ކުރަމުންދިޔަ ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި މަދުވެގެން 14 ކުދިން މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުންނާއި ރެސްކިއު އޮފިޝަލުން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި އިތުރު އަށް ކުއްޖަކަށް އަނިޔާވެފައިވާއިރު، އެ ކުދިންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ފައިސަލް ކަމްރާން ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ޓިއުޝަން ސެންޓަރުގެ ވެރިޔާ އާއި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބާވެފައިވާ އިމާރާތެއްގެ ދެވަނަ ބުރީގެ މަސައްކަތް ނުނިމި ހުއްޓައެވެ. ފުލުހުން ބުނާ ގޮތުގައި ފުރާޅު ވެއްޓެން މެދުވެރިވީ އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމުގެ ސަބަބުންނެވެ. ރެސްކިއު ޓީމުތަކުން ދަނީ އިމާރާތުގެ ކުނިތަކުގެ ދަށުގައި އިތުރު ކުދިން ތިބިތޯ ބެލުމަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
ހާދިސާ ހިނގި ސަރަހައްދުގެ އާންމުން ވެސް ވަނީ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. މަރުވި ކުދިންގެ ހަށިތައް އާއިލާތަކާ ހަވާލުކުރި ވަގުތު، ލާހޫރުގެ އެ ސަރަހައްދުގައި އޮތީ ނުހަނު ބޮޑު ހިތާމައެއްގެ މާހައުލެކެވެ. ކުދިންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުން ހިތާމައިން ރޮއި އާދޭސް ކުރަމުންދިޔައިރު، ގިނަ ބަޔަކު ވަނީ އެފަދަ ނުރައްކާތެރި އިމާރާތެއްގައި ކުދިންނަށް ކިޔަވައިދިން ސެންޓަރުގެ ވެރިޔާއަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.
ޕާކިސްތާނަކީ އިމާރާތް ކުރުމުގެ މިންގަނޑުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން މިފަދަ ހާދިސާތައް އާންމުކޮށް ހިނގާ ގައުމެކެވެ. ގިނަ ފަހަރަށް ޚަރަދު ކުޑަކުރުމަށްޓަކައި ފެންވަރު ދަށް ތަކެތި ބޭނުންކުރުމުގެ ސަބަބުން މިފަދަ ފުރާނައަށް ނުރައްކާވާ ހާދިސާތައް މެދުވެރިވެއެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަކިވަކިން ބަޔާން ނެރުއްވައި، މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އަނިޔާވި ކުދިންނަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރައްވައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.