Ads by Farudhun

ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ސިގިރޭޓް ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2026، 12:15

01 ޖުލައި 2026، 12:15

ސިނގިރޭޓާއި ދުންފަތުގެ ބައެއް އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. މިދިޔަ ޖޫން މަހު ހުށަހެޅި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ދަށްކުރުމެވެ.

މި ބިލުގައިވާ ގޮތުން ސިނގިރޭޓުގެ އިތުރުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާއަށް ކުޑަވާނެއެވެ. ނަމަވެސް، މި ބަދަލާއެކު ދައުލަތުގެ ބަޖެޓަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަށަށް ދާނެ ކަމަށް ބެލެވެއެވެ.

އިމްޕޯޓް ޑިއުޓީއަށް ގެނައި މި ބަދަލާ އެކު، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ތަކެތި ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ މުޅިން ކަނޑާލުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

މި ބިލު ގާނޫނަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަސްދީގު ކުރެއްވުމުންނެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަން ޖެހޭނެ ކަމަށް ވެސް މަޖިލީހުން ފާސްކުރި ބިލުގައި ބަޔާންކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450