ޚަބަރު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ
މާލޭ ވިޔަފާރި ބަނދަރު ފޮޓޯ: ފަޔާޒް މޫސާ މިހާރު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ކޮންސިއުމަރ ޑިމާންޑް އިތުރުވަމުން އައި މިންވަރާ ބަލާފައި، މިހާތަނަށް ޕޯޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވެފައި، އާބާދީ އިތުރުވެ އަހަރަކު 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، މިހާރު ބޭނުންކުރަމުންދަނީ މީގެ 40 އަހަރު ކުރީގެ އިންފްރާސްޓްރަކްޗަރއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ފަތުރުވެރިކަމުގެ މަޝްރޫޢުތައް ވަރަށް ފުޅާދައިރާއެއްގައި ކުރިއަށްދޭ. ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މަޝްރޫޢުތަކާއެކު، މީގެ 40 އަހަރާ އަޅާބަލާއިރު ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި. އެކަމަކު އަދިވެސް މި ބޭނުންކުރަނީ މީގެ 40 އަހަރު ކުރިން ހެދި ޕޯޓު،
ވަޒީރު ސައީދު
ވަޒީރު އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާއިރު، ސީ ޕޯޓުގެ މަސައްކަތަކީވެސް އެއާ އެކުއެކީގައި ކުރިއަށްދާންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައި، 2027 ވަނ އަހަރުގެ ނޮވެމްބަރު މަހަށް މާލޭ ކޮމާޝަލް ޕޯޓު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޕޯޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް އޮތް ނަމަވެސް، މިހާރުވެސް ޕޯޓުގެ ޚިދުމަތްތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ތިލަފުށީގައި ބައެއް މަސައްކަތްތައް ކުރެވެމުންދާކަން ސަރުކާރުން ހާމަކުރެއެވެ. އެގޮތުން، މިހާރުވެސް ތިލަފުށީގައި ހުސް ކޮންޓެއިނަރު ބަހައްޓާނެ ޖާގައެއް ތަރައްޤީކޮށް، އެތަނުގެ ބޭނުން ހިފަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ އާއި އިޤްތިޞާދު އާ ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫޢެވެ.