ޚަބަރު
ބްރީފްކޭސް ފޭރުނު ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ބްރިފްކޭސް ފޭރުނު މީހުން ފޮޓޯ: ޕޮލިސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ބްރީފް ކޭސް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެމީހުން ފުރަތަމަ ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ބަންދަށް ޖެހީ ފަސް ދުވަހެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ:
މާޒިން މޫސާ (25އ) - ރޭޝަމް / ލ.މާވަށް
އަޙްމަދު ރައިހާން ނަޢީމް (20އ) - މ. ކޯރަސް / މާލެ
އިބްރާހީމް އަނޫފް (24އ) - އަޅިވިލާގެ / ކ.ގުރައިދޫ
ޙުސައިން ޝަހުދު (30އ) - އަޅިވިލާގެ / ކ.ގުރައިދޫ
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެރޭ ފަތިހު 4:45 ހާއިރުއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެއާޕޯޓު ޓާމިނަލް އެކަކުން ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފް ކޭސްއެއް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ފޭރިގަނެފައެވެ. އަދި މި ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ މީހަކު ބައިވެރިވެގެން ބްރީފް ކޭސް ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހުގައެވެ. ބްރީފް ކޭސް ޖަހައިގަނެގެން އެމީހުން ދުވެފައި ގޮސް އެރީ ފާލަން ކައިރީގައި އޮތް ލޯންޗަކަށެވެ. ފޭރިގަތް ބްރީފް ކޭސްގައި 100,000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ހުއްޓެވެ. މިއީ އެ ދުވަހު ހެނދުނު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ ޑޮލަރު ކަމަށް އެނގިފައިވެއެވެ.