ދުނިޔެ

މެލޭޝިޔާގެ ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ރިޓަޔަޑް ސިފައިން ފޮނުވަނީ

މެލޭޝިޔާގެ ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ރިޓަޔަޑް ސިފައިން ފޮނުވަނީ

ބުލީގެ ކުރުމުގެ ސަބަބުން ދިމާވި ހާދިސާއެއްގައި މަރުވި މެލެޝިއާގެ ސްކޫލް ދަރިވަރެއް / ފޮޓޯ: ފޭސްބުކް

farudhun logo

ފަރުދުން

01 ޖުލައި 2026، 03:17

01 ޖުލައި 2026، 03:17

މެލޭޝިޔާގެ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާކޮށްފައިވާ 16 ބޭފުޅަކު، އަންނަ ބުދަ ދުވަހުން ފެށިގެން އެ ގައުމުގެ ސަރުކާރުން ހިންގާ "މާރާ ޖޫނިއާ ސައިންސް ކޮލެޖު" (އެމް.އާރް.އެސް.އެމް)ގެ 8 މަރުކަޒެއްގައި ހޮސްޓެލް ވޯޑަނުންގެ ގޮތުގައި މަސައްކަތް ކުރަން ފަށާނެކަމަށް އިޢުލާންކޮށްފިއެވެ. 

ދަރިވަރުންނަށް ކުރާ އަނިޔާތަކާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުމާއި ނުރުހުން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މެލޭޝިޔާ ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ބޯޑިންގް ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވައި، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މިގޮތުން ރިޓަޔާޑް އޮފިސަރުންނަށް ފުލްޓައިމް ވޯޑަނުންގެ ވަޒީފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ ދަށުން ފުރަތަމަ ބުރުގައި 16 ބޭފުޅަކު އަށް ކޮލެޖަކަށް ނެރޭއިރު، މިއީ މަޝްހޫރު ނެޓްފްލިކްސް ސީރީޒް "ޓީޗް ޔޫ އަ ލެސަން" ގައި އަސްކަރީ ތަޖުރިބާކާރަކު ބުލީކުރާ މީހުންނާ ދެކޮޅަށް މަސައްކަތްކުރާ މަންޒަރާ އެއްގޮތް ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. "މާރާ ޖޫނިއާ ސައިންސް ކޮލެޖު" ތަކަކީ މެލޭޝިޔާގެ އަސްލު ވަޒަންވެރިން ކަމަށްވާ "ބުމިޕުތުރާ" ދަރިވަރުންނަށް ހާއްސަކޮށްގެން، ސައިންސްގެ ދާއިރާއިން ކުރިއަށްދިއުމަށް ސަރުކާރުން ހިންގާ މަތީ ފަންތީގެ ބޯޑިންގް ސްކޫލްތަކެކެވެ.

މި އާ އުސޫލު ތައާރަފްކޮށްފައިވަނީ، ޖޯހޯރުގައި ހުންނަ ކޮލެޖެއްގެ 14 އަހަރުގެ ދަރިވަރަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ހަ ދަރިވަރަކު، ކުށް ސާބިތުވެއްޖެނަމަ ވަގުތުން ކޮލެޖުން ވަކިކުރާނެ ކަމަށް މާރާގެ ޗެއާމަން އަސްރަފް ވަޖުދީ ދުސޫކީ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. އަނިޔާ ލިބުނު ދަރިވަރުގެ މައިންބަފައިން ބުނި ގޮތުގައި، އެ ދަރިވަރަށް ކުރިމަތިވި އިހާނެތި އަމަލުތަކަށް ކެތްނުކުރެވިގެން ސްކޫލުން ބަދަލުކޮށްދިނުމަށް އެދި އޭނާ ވަނީ އާދޭސްކޮށްފައެވެ.

މިކަމާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޗެއާމަން ބުނީ 'އަތްލައިފިނަމަ، ވަކިކުރާނެ' ކަމަށެވެ. އަދި ބުލީކުރާ މީހުންނަށް އެ ކޮލެޖުތަކުން އެއްވެސް ޖާގައެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450