ދުނިޔެ

އަފްޣާނިސްތާނުގެ ވައިގެ ސިފައިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަށް ހަމަލާދީފި

އަފްޣާނިސްތާނުގެ ވައިގެ ސިފައިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަށް ހަމަލާދީފި

ޕާކިސްތާނުގެ ސިފައިންގެ މީހެއް. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2026، 06:50

01 ޖުލައި 2026، 06:50

އަފްޣާނިސްތާނުގެ ވައިގެ ސިފައިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހުރި އައިއެސްގެ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެގައުމުން ދޭ މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަފްޣާނިސްތާނުގެ އާންމުންނަށް އަމާޒުކޮށް ދޭ ޓެރަރިސްޓް ހަމަލާތައް ރޭވުމަށް ޕާކިސްތާނުން ބޭނުންކުރާ މަރުކަޒުތަކަށްކަމަށެވެ. 

މި ހަމަލާތައް ދީފައިވަނީ ޕާކިސްތާނުގެ ބަލޮޗިސްތާނާއި ޚައިބަރް ޕަޚްތޫންޚުވާ ޕްރޮވިންސްގެ ސަރަހައްދުތަކަށެވެ. ތާލިބާން ސަރުކާރުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށާއި، މީގެ ސަބަބުން އައިއެސްގެ ބައެއް ހަނގުރާމަވެރިން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ގައުމުން ވަނީ އަފްޣާނިސްތާނުގެ ހަތަރު ޑްރޯން ވައްޓާލާފައެވެ. އަދި އިތުރަށް މިފަދަ އަމަލެއް ހިންގައިފިނަމަ އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވަނީ ދީފައެވެ. މި ހަމަލާތައް ދީފައި މިވަނީ މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ދިން ހަމަލާތަކަކާ ގުޅިގެން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އދ. ގެ އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާނު (UNAMA) އިން ހާމަކޮށްފައިވާ ގޮތުގައި، ޕާކިސްތާނުން ދިން ހަމަލާތަކުގައި މަދުވެގެން 28 އާންމުން މަރުވެ، 49 މީހުން ވަނީ ޒަޚަމްވެފައެވެ. އަފްޣާނިސްތާނު ސަރުކާރުން ބުނާ ގޮތުގައި ޕާކިސްތާނުގެ ހަމަލާތައް އަމާޒުވީ އާންމުންގެ ގެދޮރަށެވެ. އެ ހަމަލާތަކުގައި 36 މީހުން މަރުވެ 160 އަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށް އަފްޣާނިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވި ގޮތުގައި، އެ ގައުމުން ދިން ހަމަލާތަކަކީ ފަހަކަށް އައިސް ޕާކިސްތާނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ދިން ރައްދެކެވެ. އެގޮތުން އަފްޣާނިސްތާނުގެ ޕަކްތިއާ، ޕަކްތިކާ އަދި ކުނާރު ޕްރޮވިންސްތަކުގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި 29 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވަނީ ދެ ގައުމުންވެސް އެއް ގައުމު އަނެއް ގައުމަށް ޓެރަރިސްޓުންނަށް ހިމާޔަތްދޭ ކަމުގެ ތުހުމަތު ކުރަމުންދާތީއެވެ. މިދިޔަ އޮކްޓޯބަރު މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ފަހަކަށް އައިސް ބޯޑަރު ސަރަހައްދުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ މަސްރަހު ވަނީ އަނެއްކާވެސް ނުތަނަވަސްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450