Ads by Farudhun

ޚަބަރު

މޭރީގެ މަރުގެ މައްސަލާގައި ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

މޭރީގެ މަރުގެ މައްސަލާގައި ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ހަލީމަތު ލަމްހާ އާއި މާވިން---

farudhun logo

ފަރުދުން

01 ޖުލައި 2026، 07:38

01 ޖުލައި 2026، 07:38

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން ސާބިތުވި ހަލީމަތު ލަމްހާ 15 އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްޖީއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މި މައްސަލާގައި މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް މިހާރު ވަނީ އިއްވާފައެވެ.

މިއަދު ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލާގައި ލަމްހާ މިހާތަނަށް ބަންދުގައި 3 އަހަރާއި 5 މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ދެން ޖަލުގައި ހުންނަން ޖެހޭނީ 11 އަހަރާއި 6 މަސް ދުވަހުއެވެ.

ދައުލަތުން މި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ލަމްހާ އާއި މާވިން، މޭރީ މަރާލާފައިވަނީ އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ. އަދި ލަމްހާއަކީ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށް ވެފައި، އެފަދަ ނޭދެވޭ އަދި ރަހުމުކުޑަ އަމަލެއް ހިންގާފައިވާތީ އޭނާއަށް އެންމެ ބޮޑު އަދަބު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މީގެ އިތުރުން، މި މަރުގެ ސަބަބުން މޭރީގެ ކުޑަ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ، މައިވަންތަކަމުގެ ލޯބިން މަހުރޫމްވެފައިވާކަންވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އަދަބު ކަނޑައެޅުމުގައި ލުއިތަކެއް ދިނުމަށް ލަމްހާގެ ފަރާތުން އެދުނު ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެފަދަ ލުއިތަކެއް ދޭންޖެހޭ އެއްވެސް ހާލަތެއް މި މައްސަލާގައި ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ރަހުމުކުޑަ އަމަލެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450