ވިޔަފާރި / ޚަބަރު
ބީއެމްއެލް އިން އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ޑޮލަރު ލިމިޓަށް ހެޔޮ ބަދަލެއް
ބީއެމްއެލް ކާޑު ބޭނުންކުރުން ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބޭރު ފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު އިތުރުކޮށްފިކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލް އިން ވިދާޅުވީ މި ލިމިޓަށް ބަދަލު ގެނެވުނީ އާންމުންނަށް ޑޮލަރުން އިންވެސްޓް ކުރުމަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލި ފުރުސަތާ ގުޅިގެން ކަމަށެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ކުރިން ކަނޑައަޅާފައިވާ ލިމިޓަކީ ގިނަ ބައެއްގެ ޝަކުވާ އަމާޒުވެފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައިވެސް، ކުރިން ހުރި ލިމިޓަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ލިބިގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަސްޓަމަރުންނަށް އޮތް ޑެއިލީ ލިމިޓު މިހާރުވަނީ ފުޅާކުރެވިފައި. މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،
ސަޢީދު
ބީއެމްއެލް އިން އަލަށް ތައާރަފުކުރި މި އިންވެސްޓްމަންޓް ފުރުސަތުގެ ދަށުން ގޯލްޑް، ސިލްވަރ އަދި ބްރޯންޒްގެ ނަމުގައި ތިން އޮޕްޝަނެއް ވަނީ ހުޅުވާލާފައެވެ. މިއީ އެކި މިންވަރަށް ނަފާ ލިބޭ ޕޫލްތަކެއް ކަމަށާއި، %25 އާ ހަމައަށް ފައިދާ ލިބޭނެ ފުރުސަތު އޮތް ކަމަށް ބޭންކުން ބުނެއެވެ. މި އިންވެސްޓްމަންޓްތަކުގެ ދަށުން ޑޮލަރު އިންވެސްޓްކުރާ އަދަދަށްވާ ދިވެހި ރުފިޔާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ.
ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތުގެ ސަބަބުން ތިން ފަރާތަކަށް ބޮޑު ފައިދާއެއް ލިބިގެންދެއެވެ. އެއީ ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކާއި، ބޭންކާއި، އަދި ކާޑު މެދުވެރިކޮށް އޮންލައިން މުއާމަލާތްތައް ކުރާ އާންމު ކަސްޓަމަރުންނެވެ.
ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ މުއާމަލާތްތައް ލިމިޓްކުރަން ބީއެމްއެލް އިން ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ. އެ ބަދަލާއެކު 6 އޮންލައިން ޕްލެޓްފޯމެއްގައި މަހަކު 30 މުއާމަލާތަށްވުރެ ގިނައިން ނުކުރެވޭ ގޮތަށް އޮތް އޮތުމަށް މިހާރު މިވަނީ ލުޔެއް ލިބެން ފަށާފައެވެ. ބޭންކުން ބުނީ ޑޮލަރު ދޫކުރުމަށްޓަކައި ބޭންކަށް ޑޮލަރު ވަންނާނެ މަގުތައް ހޯދަންޖެހޭ ކަމަށާއި، މި އިންވެސްޓްމަންޓަކީ އެކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.