ދުނިޔެ

ލޯބި ހުށަހެޅުމަށް އެމްޕައަރ ސްޓޭޓް ބިލްޑިންގްގެ އެންމެ އުހަށް އެރި ދެމީހަކު ހައްޔަރުކޮށްފި

ލޯބި ހުށަހެޅުމަށް އެމްޕައަރ ސްޓޭޓް ބިލްޑިންގްގެ އެންމެ އުހަށް އެރި ދެމީހަކު ހައްޔަރުކޮށްފި

އެމްޕައަރ ސްޓޭޓް ބިލްޑިންގްގެ އެންމެ އުހަށް އެރި ދެމީހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2026، 10:07

02 ޖުލައި 2026، 10:07

އެމެރިކާގެ ނިއުޔޯކްގައި ހުންނަ މަޝްހޫރު އެމްޕައަރ ސްޓޭޓް ބިލްޑިންގްގެ އެންމެ އުހަށް، އެއްވެސް ރައްކާތެރިކަމުގެ އާލާތަކާ ނުލައި އަރައި، ލޯބި ހުށަހެޅި ރަޝިއާގެ ދެމީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ރަޝިއާއަށް ނިސްބަތްވާ އައިވަން ބީކަސް (32 އަހަރު) އާއި އެންޖެލާ ނިކޮލާއޫ (33 އަހަރު) އެވެ. މި ދެމީހުންނަކީ ނެޓްފްލިކްސްގެ "ސްކައިވޯކާސް: އަ ލަވް ސްޓޯރީ" ޑޮކިއުމެންޓްރީން މަޝްހޫރުކަން ހޯދާފައިވާ، އުސް އިމާރާތްތަކަށް އެރުމަށް ލޯބިކުރާ ދެމީހުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުން ވަނީ ގަވާއިދާ ޚިލާފަށް އެމްޕައަރ ސްޓޭޓް ބިލްޑިންގްގެ 1،450 ފޫޓު އުހުގައި ހުންނަ އެންޓަނާ ނުވަތަ "ސްޕަޔަރ" އަށް އަރާފައެވެ. އެ އުސްމިނުގައި ހުރެ، އައިވަން ވަނީ ކަކޫ މައްޗަށް ތިރިވެ އެންޖެލާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅާފައެވެ. މި ވަގުތު ކޮޅު އެންޖެލާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.

މީގެ އިތުރުން، އެމީހުން ވަނީ "ލޯބީގެ ބާރުން، ބާރުވެރިކަމަށް އޮންނަ ލޯބި ބަލިކުރާ ދުވަހަކުން ދުނިޔެއަށް އަމާންކަން ލިބޭނެ" ކަމަށް ލިޔެފައިވާ ބޮޑު ކަޅު ބެނާއެއް އެތަނުގައި ހަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ނިއުޔޯކް ފުލުހުންގެ އިމަޖެންސީ ސާވިސް ޔުނިޓުން ވަނީ އެ ސަރަހައްދަށް ގޮސް، ބިލްޑިންގްގެ ކޮޅަށް އަރައި އެ ދެމީހުން ބާލާފައެވެ. ފުލުހުންގެ ބޮޑީ ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި، ފުލުހުން ވަނީ އެމީހުން ތިބި ތަނަކީ ނުރައްކާތެރި އަދި ހުއްދަ ނެތް ތަނެއްކަން އަންގައި، އެމީހުން ބަލައި ފާސްކޮށްފައެވެ.

ފުލުހުން ވަނީ އެންޖެލާގެ މައްޗަށް "ބާގްލަރީ" ނުވަތަ ހުއްދަ ނެތް ތަނަކަށް ވަނުމުގެ ދައުވާ އުފުލާފައެވެ. އައިވަންގެ މައްޗަށް އުފުލާނެ ދައުވާއެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިއީ މި ދެމީހުން މިފަދަ އުސް އިމާރާތަކަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2022 ވަނަ އަހަރު މެލޭޝިއާގައި ހުންނަ 2،000 ފޫޓަށްވުރެ އުސް މަރްދޭކާ 118 ބިލްޑިންގަށް ވެސް މި ދެމީހުން ވަނީ އަރާފައެވެ. ނިއުޔޯކްގެ އުސް އިމާރާތްތަކަށް މިފަދަ ގޮތްގޮތަށް އެރުމަކީ މީގެ ކުރިންވެސް އެކި މީހުން ކޮށްފައިވާ ކަމެކެވެ. ނަމަވެސް މިއީ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ކަމަށްވާތީ ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ މިކަމާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450