ދުނިޔެ
ސްރީލަންކާ އަކީ މަތީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ކަނޑައަޅައިފި
ސްރީލަންކާގެ މަގެއް. ފޮޓޯ: ނިއުސްފަސްޓް
ވޯލްޑް ބޭންކް ގްރޫޕުން ސްރީލަންކާ އަކީ "އަޕަރ މިޑްލް އިންކަމް" ނުވަތަ މަތީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި އަލުން ކަނޑައަޅައިފިއެވެ. މިއީ މީގެ ކުރިން އެ ގައުމު އޮތް "ލޯވަރ މިޑްލް އިންކަމް" ނުވަތަ ދަށް މެދު ފަންތީގެ ދަރަޖައިން ކުރިއަށް ޖެހުމެކެވެ.
މި ބަދަލު ގެނެސްފައިވަނީ 2025 ވަނަ އަހަރު ސްރީލަންކާގެ ޖީޑީޕީ 5 އިންސައްތައިން ކުރިއަރާފައިވާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ. މިއީ އިގްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށްފަހު، އެ ގައުމުގެ މެކްރޯ އިކޮނޮމިކް ހާލަތު ރަނގަޅުވެ، އިގްތިސާދީ ދުވެލި ހަލުވިވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
ވޯލްޑް ބޭންކުން ދުނިޔޭގެ ގައުމުތައް ގިންތިކުރުމުގައި ބޭނުންކުރަނީ ހަތަރު ބައެކެވެ. އެއީ މަތީ އާމްދަނީ ލިބޭ ގައުމުތަކާއި، މަތީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި، ދަށް މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އިތުރުން ދަށް އާމްދަނީ ލިބޭ ގައުމުތަކެވެ. މި ގިންތިތައް ކަނޑައަޅަނީ ބޮލަކަށް ޖެހޭ ގައުމީ އާމްދަނީއަށް ބަލައި ކޮންމެ އަހަރަކު އެއްފަހަރުއެވެ.
2025 ވަނަ އަހަރު ސްރީލަންކާގެ އިގްތިސާދަށް އައި ހެޔޮ ބަދަލާއެކު، ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެ ގައުމުގެ ދަރަޖަ މަތިވުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެ ގައުމާ މެދު ދެކޭ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.