ދުނިޔެ

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭ 'ކޮމިއުނިކޭޝަން ޗެނަލް' އެއް ހުޅުވަން އީރާނުން ނިންމައިފި

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭ 'ކޮމިއުނިކޭޝަން ޗެނަލް' އެއް ހުޅުވަން އީރާނުން ނިންމައިފި

އީރާން އެމެރިކާގެ މައްސަލަ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2026، 10:50

02 ޖުލައި 2026، 10:50

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެ ހަފުތާ ކުރިން ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) އާ ޚިލާފުވާ ކަންކަން ރިޕޯޓުކުރުމަށްޓަކައި ވޮޝިންޓަނާއެކު "ކޮމިއުނިކޭޝަން ޗެނަލް" އެއް ގާއިމުކުރާނެ ކަމަށް ތެހެރާނުން ބުނެފިއެވެ.

މިކަން އިޢުލާން ކުރެއްވީ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީއެވެ. މި ނިންމުން ނިންމާފައިވަނީ ގަތަރުގައި ބުދަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ނުސީދާ ޓެކްނިކަލް މަޝްވަރާތަކަށް ފަހުގައެވެ. މި މަޝްވަރާތަކަކީ ދާދިފަހުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކެކެވެ.

ޣަރީބްއާބާދީ ވިދާޅުވީ އީރާނުގެ ހިފަހައްޓާފައިވާ 6 ބިލިއަން ޑޮލަރުގެ އެސެޓްތަކުގެ ތެރެއިން ބައެއް، ތެހެރާނަށް ބޭނުންވާ މުދާ ގަތުމަށް ބޭނުންކުރާނެ ކަމަށެވެ. "ގަތަރުގެ އޮފިޝަލުންނާއި ސެންޓްރަލް ބޭންކާއެކު ބޭއްވި ބައްދަލުވުންތަކުގައި، ފުރަތަމަ 6 ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ޚަރަދުކުރުމާ ގުޅޭ ކަންކަން މުރާޖައާ ކުރެވުނު،" އޭނާ ވިދާޅުވިއެވެ. އަދި އީރާނުން ބޭނުންވާ މުދާ ގަތުމަށްފަހު އެ ގައުމަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގަތަރާއި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރި މި މަޝްވަރާތަކުގައި "އެދެވޭ ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހޯމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާއި، މިދިޔަ މަހު ސޮއިކުރި އެމްއޯޔޫއާ ޚިލާފުވުންތައް ހުއްޓުވައި ސުލްހަ ގާއިމުކުރުމާ ބެހޭގޮތުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި މަޝްވަރާތަކަށް ތައުރީފު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ އީރާނުން އަމަލުކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް އަލުން އަސްކަރީ ކުރިމަތިލުމަކަށް ދާންޖެހިދާނެ ކަމަށެވެ.

މި މަޝްވަރާތަކާ ގުޅިގެން އުފެދުނު އުންމީދުތަކާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބުދަ ދުވަހު ވަނީ ގާތްގަނޑަކަށް 2 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ މިދިޔަ ފެބްރުއަރީ މަހަށްފަހު ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. ގަތަރާއި ޕާކިސްތާނުން މެދުވެރިވެގެން ވެފައިވާ މި އެއްބަސްވުމުގައި 60 ދުވަހުގެ ސުލްހައިގެ މުއްދަތަކާއި، ހޯމުޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450