ޚަބަރު
މާލީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް "ފައިނޭންޝަލް ސެކްޓަރ އެވޯޑް" ދީފި
"ފައިނޭންޝަލް ސެކްޓަރ އެވޯޑް" ހަފްލާ ފޮޓޯ: އެމްއެމްއޭ
ރާއްޖޭގެ މާލީ ނިޒާމު ފުޅާކޮށް ތަރައްޤީކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑް ދީފިއެވެ.
މި އެވޯޑުތައް ދީފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ރަސްމިއްޔާތުގައެވެ. މި އެވޯޑަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް، އިތުބާރު ހިފޭ ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށް އަރުވާފައިވާ އެވޯޑެކެވެ.
މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލާފައިވާއިރު، މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް ދޭ "ސްޕެޝަލް އެވޯޑް" 5 ފަރާތަކަށް ވަނީ އަރުވާފައެވެ. އަދި ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައިން 10 ބޭފުޅަކަށް އެވޯޑް ދީފައިވެއެވެ.
ސްޕެޝަލް އެވޯޑް ލިބިވަޑައިގެންނެވި ފަރާތްތައް:
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި): ރާއްޖެއަށް ބޭންކިންގ ޚިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި ދައުރަށް.
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް: 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، މާލީ ނިޒާމުގެ ބިންގާ އަޅުއްވައިދެއްވުމުން.
އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ: ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސްކޮށް އުޅުއްވައި، ވިޔަފާރި ބޭންކިންގ ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅަށް.
އިލްޔާސް އިބްރާހީމް އަދި އިބްރާހީމް ޝަފީޤް: ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި "އެލައިޑް އިންޝުއަރެންސް" އުފައްދަވައި، އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅަށް.
ޑރ. އަޒީމާ އާދަމް: "ރަންދިހަފަހެއް" ނޫޓު ސީރީޒް ތަޢާރަފުކުރައްވައި، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރެއްވުމުގެ މޭސްތިރިއެއްގެ ގޮތުން ކުރެއްވި ޚިދުމަތަށް.
އަގުވަޒަންކުރުމުގެ އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުން:
މި ބައިން އެވޯޑް ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ގަވަރުނަރުން ކަމަށްވާ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، މުޙައްމަދު ޖަލީލް، ޤާސިމް އިބްރާހީމް، ޢަބްދުﷲ ޖިހާދު، ޑރ. ފަޒީލް ނަޖީބް، ޑރ. އަޒީމާ އާދަމް، އަޙްމަދު ނަޞީރު އަދި ޢަލީ ހާޝިމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރީގެ ޑެޕިއުޓީ ގަވަރުނަރުން ކަމަށްވާ އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ އަދި ޢާރިފް ޙިލްމީގެ ޚިދުމަތްތައް ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މަރުކަޒީ ބޭންކުން ހާމަކުރެއްވި ގޮތުގައި، މި ބޭފުޅުންނަކީ އެމްއެމްއޭއަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މުއައްސަސާއަކަށް ހެއްދެވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ އިރުޝާދުގެ ދަށުން އިންޝުއަރެންސް ދާއިރާއާއި، ބޭންކިންގ ނިޒާމުގެ އިތުރުން ފައިސާ ދެއްކުމުގެ ނިޒާމުތައް ޒަމާނީވެ، މާލީ ޤަވާޢިދުތައް ހަރުދަނާވެގެން ގޮސްފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.