ޚަބަރު
ހުޅުމާލެ ހޮސްޕިޓަލްގެ އިންޓަރންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި
ހުޅުމާލެ ހޮސްޕިޓަލް.
ހުޅުމާލެ ހޮސްޕިޓަލްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މި އަހަރުގެ ޕްރޮގްރާމްގައިވެސް ޖުމްލަ 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ޑޮކްޓަރުކަން ކިޔަވައިގެން އަންނަ ދަރިވަރުން ޚިދުމަތަށް ނުކުތުމުގެ ކުރިން އެއް އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހޯދުމަށް މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. މި މުއްދަތުގައި ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މެޑިސިންގެ އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބިގެންދެއެވެ. މިއީ ބޭރުން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް މެޑިކަލް ކައުންސިލްގެ އުސޫލުތަކާ އެއްގޮތަށް ހިންގާ ޕްރޮގްރާމެކެވެ.
ކުރިމަތިލުމުގެ ސުންގަޑި އަދި ހުށަހަޅަންޖެހޭ ގޮތް
ހުޅުމާލެ ހޮސްޕިޓަލުން ބުނީ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޝައުގުވެރިވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ އިތުރުވާނަމަ، އިސްކަންދޭނެ ތަރުތީބެއް ހޮސްޕިޓަލުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެމްބީބީއެސް ފުރިހަމަކުރި ފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި، އީމެއިލް ފޮނުވާ ތަރުތީބަށް ބަލައި އިސްކަންދޭނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިވަގުތު 15 ޖާގަ ހުޅުވާލި ނަމަވެސް، ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ރާއްޖޭގައި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މިފަދަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ސިއްޙީ ދާއިރާއަށް ނުކުންނަ ޑޮކްޓަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރިވުމުގެ އިތުރުން، ހޮސްޕިޓަލްތަކުގެ މެޑިކަލް އެޑިއުކޭޝަންގެ ފެންވަރު މަތިވެ، ޚިދުމަތުގެ ސްޓޭންޑަޑްތައް ހަރުދަނާވުމަށް މަގުފަހިވެގެންދާނެއެވެ.