ދުނިޔެ
އެމެރިކާއާއި އީރާނުގެ ވަފުދުތަކުން ދޯހާގައި ނުސީދާ ފަންނީ މަޝްވަރާތަކެއް ބާއްވަނީ
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނުގެ އޮފިޝަލުން ބުދަ ދުވަހު ގަތަރުގެ ދޯހާގައި ނުސީދާ ފަންނީ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މި މަޝްވަރާތަކާ ގުޅުންހުރި ޑިޕްލޮމެޓަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފިއެވެ.
މި މަޝްވަރާތަކަކީ ލޭކް ލޫސާން ސަމިޓުގައި ލިބުނު ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، ގަތަރާއި ޕާކިސްތާނުގެ މެދުވެރިކަމާއެކު އެކުލަވާލާފައިވާ ފަހުމުނާމާއާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކެކެވެ. ނަމަވެސް، އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނަރާއި ސްޓީވް ވިޓްކޮފް މި ފަންނީ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެ ބޭފުޅުން ވަނީ އަންގާރަ ދުވަހު ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްޘާނީއާ ބައްދަލުކުރައްވާފައެވެ.
ގަތަރާއި ޕާކިސްތާނުން މެދުވެރިވެގެން އެކުލަވާލި މި ފަހުމުނާމާގައި، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމާއި، ބަންދުކޮށްފައިވާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން ހަނގުރާމަ ދާއިމީކޮށް ނިންމުމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އެއްބަސްވުމަކަށް އައުމަށް ވަކި މުއްދަތެއް ކަނޑައެޅުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
އީރާނުގެ ވަފުދު ބުދަ ދުވަހު ދޯހާއަށް ދިއުމަށް ހަމަޖެހިފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ ފަދަ ސީދާ މަޝްވަރާތަކެއް ބާއްވާނެ ކަމަށް ތެހެރާނުން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ އިސްވެ ހުންނަވާ ވަފުދުން "ކުރިއަށް އޮތް ދުވަސްތަކުގައި އެއްވެސް ފެންވަރެއްގައި އެމެރިކާގެ ފަރާތްތަކާ ސީދާ މަޝްވަރާ ކުރުމުގެ އެއްވެސް ރޭވުމެއް ނެތް" ކަމަށެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޝްނަރާއި ވިޓްކޮފް ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، ފަހުމުނާމާގެ އޮނިގަނޑުގެ ތެރެއިން އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ވާހަކަތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން ލުބުނާނުގެ މަސްރަހާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.