Ads by Farudhun

ޚަބަރު

ފަލަސްޠީނަށް އެހީވުމަށް ރާއްޖެއިން މިއަހަރުވެސް 50،000 ޑޮލަރު ދެނީ

ފަލަސްޠީނަށް އެހީވުމަށް ރާއްޖެއިން މިއަހަރުވެސް 50،000 ޑޮލަރު ދެނީ

ޑރ. ޢަލީ ނަސީރު މުޙައްމަދު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2026، 03:06

02 ޖުލައި 2026، 03:06

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން އުފައްދާފައިވާ 'އަންރުވާ'  އަށް، މިއަހަރުވެސް ދިވެހިރާއްޖެއިން 50,000 އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހު އދ. ގެ މައިމަރުކަޒުގައި ބޭއްވި 'އަންރުވާ ޕްލެޖިންގް ކޮންފަރެންސް' ގައެވެ. ރާއްޖޭގެ ފަރާތުން މި އެހީ އިޢުލާން ކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ.

ފަލަސްޠީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސީ ޙާލަތުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ރާއްޖެއިން ކޮންމެ އަހަރުވެސް އަންނަނީ މާލީ އެހީ ފޯރުކޮށްދެމުންނެވެ. މީގެކުރިން އަންރުވާ މެދުވެރިކޮށް ރާއްޖެއިން ކޮންމެ އަހަރަކު ދެމުން އައީ 5,000 ޑޮލަރެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން މި ޢަދަދު 10 ގުނަ އިތުރުކޮށް، 50,000 ޑޮލަރަށް ބޮޑުކުރައްވާފައެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ ނަސީރު ވިދާޅުވީ، އަންރުވާއަށް އެހީ ފޯރުކޮށްދިނުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫން ކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި، ބައިނަލްއަޤުވާމީ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޙިމާޔަތްކުރުމާ ގުޅުންހުރި މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަންރުވާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ އިދާރާއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް އިޝާރާތް ކުރައްވައި، އަންރުވާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮންނާނެކަން ޑރ. ޢަލީ ނަސީރު ތަކުރާރު ކުރެއްވިއެވެ.

'އަންރުވާ' އަކީ 1948 ވަނަ އަހަރު އދ. އިން ފާސްކުރި ޤަރާރެއްގެ ދަށުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޚާއްޞަ އިދާރާއެކެވެ. ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމެއް ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއިން ދަނީ ވަކާލާތު ކުރަމުންނެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450