ދުނިޔެ
ޑޭކެއާއެއްގައި ތިބި ތުއްތުކުދިން ދޮންނަމެޝިނަށްލުމާއި ލާއިންސާނީ އެތައްއަނިޔާއެއްދިން މައްސަލައެއް ފެންމަތިވެއްޖެ
އިންޑިއާގެ ޑޭކެއަރ އިން އާންމުވި ވީޑިއޯގެ މަންޒަރު
އިންޑިއާގެ ޓެކްނޮލޮޖީ ހަބްގެ ގޮތުގައި މަޝްހޫރު ބެންގަލޫރުގައި ހުންނަ ފްރެންޗް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ 'ކެޕްޖެމިނީ' ގެ ޑޭކެއާ ސެންޓަރުގައި ތިބި ތުއްތު ކުދިންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެ، މުޅި ގައުމު ސިއްސުވާލައިފިއެވެ.
މި މައްސަލަ ފެންމަތިވީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ކުދިންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި، ކުދިން ބިރުގެންނެވުމަށްޓަކައި ދޮންނަ މެޝިންތަކަށް ލައި ބަންދުކުރުމާއި، ފެން އަޅާފައި ހުރި ހަނި ހޮޅިތަކުގެ ތެރެއަށް ކުދިން ކޮއްޕުމާއި، ފާޚާނާ ތެރޭގައި ކުދިން ބަންދުކޮށް ފާޚާނާގައި ބޭނުންކުރާ ޖެޓް ސްޕްރޭއިން ކުދިންގެ ގަޔަށް ފެންޖެހުން ފަދަ ލާއިންސާނީ އަމަލުތައް ވަނީ ހިންގާފައެވެ. މީގެ އިތުރުން، ކުދިން ރޯން ފެށުމުން ހުއްޓުވުމުގެ ގޮތުން އެ ކުދިންގެ އަނގައަށް ފެން ޖަހާ މަންޒަރުވެސް ވީޑިއޯތަކުން ފެންނަން ހުރި ކަމަށް ފުލުހުން ފާހަގަކުރިއެވެ.
މި ހާދިސާއާ ގުޅިގެން ޖޫން މަހުގެ 29 ވަނަ ދުވަހު ފުލުހުން ވަނީ ޖިނާއީ މައްސަލައެއް ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ. މި މައްސަލައިގައި އެ ޑޭކެއާގައި މަސައްކަތްކުރާ ފަސް އަންހެން މުވައްޒަފެއްގެ ނަން ވަނީ ހިމަނާފައެވެ.
ވައިޓްފީލްޑް ޑިވިޜަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ސައިދުލު އަދާވަތު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފައެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ޗިޓް ފޮނުވައި، ސުވާލުކުރުމަށް ހާޒިރުކުރާނެ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 340,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކެޕްޖެމިނީ ކުންފުނިން ވަނީ މި ހާދިސާއާ ގުޅިގެން އެ ސެންޓަރު ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމަކީ ކުންފުނިން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، ހަގީގަތް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ބެންގަލޫރަކީ ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ހުންނަ ސިޓީއަކަށްވެފައި، މަސައްކަތު މާހައުލުގައި ހުންނަ މިފަދަ ޑޭކެއާ ސެންޓަރުތަކަކީ އާންމު ހިދުމަތަކަށް ވުމާއެކު، މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.