ދުނިޔެ
ބެންގަލޫރުގެ ހިލަ ކޮންނަ ތަނެއްގައި ބޮޑު ހިލަގަނޑެއް ވެއްޓި 7 މީހުން މަރުވެއްޖެ
ހާދިސާ ހިނގި ސަރަހައްދު. ފޮޓޯ: އެންޑީޓީވީ
ބެންގަލޫރުގެ އަވަށެއް ކަމަށްވާ މަޑަޕައްޓަނާގައި ހުންނަ ހިލަ ކޮންނަ ތަނެއްގައި މަސައްކަތް ކުރަމުން ދަނިކޮށް، ބޮޑު ހިލަގަނޑެއް ވެއްޓި ހަތް މަސައްކަތްތެރިން މަރުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އިތުރު ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ކުނިތަކުގެ ދަށުގައި ތާށިވި ބައެއް މީހުން ވަނީ ސަލާމަތްކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ކާވޭރީ ކޮމްޕެނީގެ މި ސައިޓުގައި އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ކޮނުމުގެ ތެރޭގައި މަތިން ބޮޑު ހިލަގަނޑެއް ނެއްޓިގެން ގޮސް ވެއްޓުނީ ތިރީގައި މަސައްކަތް ކުރަން ތިބި މީހުންގެ ގައިމައްޗަށެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި 18 އެއްހައި މަސައްކަތްތެރިން ތިބި ކަމަށާއި، ހިލަގަނޑު ވެއްޓުނީ ގާތްގަނޑަކަށް 40 ފޫޓު މަތިން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ. މި ހާދިސާގައި މަރުވި މީހުންނަކީ އިންޑިއާގެ މަދްޔަ ޕްރަދޭޝް އަދި ޗައްތީސްގަޅަށް ނިސްބަތްވާ މީހުންނެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ މީހުންގެ އާއިލާތަކަށް މިކަން އެންގުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ކަރްނާޓަކާގެ ޗީފް މިނިސްޓަރު ޑީ.ކޭ. ޝިވްކުމާރު ވިދާޅުވީ، މިއީ ހިނގައިގެން ނުވާނެ ފަދަ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. "އަޅުގަނޑަށް ލިބުނު ފުރަތަމަ ރިޕޯޓްތަކުން އެނގޭ ގޮތުގައި މިއީ ގޮއްވުމެއްގެ ސަބަބުން ހިނގި ކަމެއް ނޫން. މިއީ ފަސްގަނޑު ދޫވުމުގެ ސަބަބުން ދިމާވި ކަމެއް،" ޝިވްކުމާރު ވިދާޅުވިއެވެ.
ޗީފް މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ތަނުގައި މަސައްކަތް ކުރަމުން ދިޔައީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި މުޅި ސްޓޭޓްގައި ހިލަ ކޮނުމުގެ މަސައްކަތް ކުރާ ތަންތަނަށް އާ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.