ކުޅިވަރު

ޖޯޓާ މަރުވި ހާދިސާ ހިނގި ދުވަހާ ދިމާވާތީ، ޕޯޗުގަލްއަށް މިރޭގެ މެޗު ވަރަށް ޚާއްޞަ

ޖޯޓާ މަރުވި ހާދިސާ ހިނގި ދުވަހާ ދިމާވާތީ، ޕޯޗުގަލްއަށް މިރޭގެ މެޗު ވަރަށް ޚާއްޞަ

ލިވަޕޫލްގައި ކުރަހާފައިވާ ޖޯޓާގެ ގްރެފިޓީއެއް، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2026، 04:26

02 ޖުލައި 2026، 04:26

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ޕޯޗުގަލް ނުކުންނައިރު، މިއީ އެ ޓީމުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންގެ އިހުސާސްތަކާ ގުޅިފައިވާ ޚާއްޞަ މެޗެކެވެ. ކެނެޑާގެ ޓޮރޮންޓޯގައި މި މެޗު ކުޅޭއިރު، މިއީ އެ ގައުމުގެ މަޝްހޫރު ފޯވާޑް ޑިއޯގޯ ޖޯޓާ ކާރު އެކްސިޑެންޓެއްގައި މަރުވިތާ ބަރާބަރު އެއް އަހަރު ފުރޭ ދުވަހެވެ.

ޑިއޯގޯ ޖޯޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ މަރުވީ މީގެ އަހަރެއް ކުރިން، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. އެ ހާދިސާގައި، އުމުރުން 28 އަހަރުގެ ޖޯޓާ ދުއްވަން އިން ލަމްބޯގިނީގައި އަލިފާން ރޯވުމުގެ ސަބަބުން ދެބެއިން ވެސް ވަނީ މަރުވެފައެވެ. ލިވަޕޫލަށް ވެސް ކުޅުނު ޖޯޓާއަކީ ޕޯޗުގަލްގެ ގައުމީ ޓީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި، ގޯލާ ރައްޓެހި އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެކެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ޓީމުން އަންނަނީ ޖޯޓާގެ ހަނދާންތައް އާކުރަމުންނެވެ. ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ޖޯޓާ ސިފަކުރީ ޓީމުގެ "އަލިގަދަ ނޫރު" ގެ ގޮތުގައެވެ. އަދި އޭނާއަކީ ވޯލްޑް ކަޕް ސްކޮޑުގެ "ޝަރަފުވެރި މެންބަރެއް" ކަމަށް ކޯޗު ވަނީ ކަނޑައަޅާފައެވެ. 

ޖޯޓާގެ ގާތް އެކުވެރިޔާ ރޫބެން ނަވާޒް މިހާރު ގައުމީ ޓީމުގައި ބޭނުންކުރަނީ ޖޯޓާ ކުރިން ބޭނުންކުރި 21 ނަންބަރު ޖާޒީއެވެ. މީގެ އިތުރުން، ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ވަނީ ޖޯޓާގެ ނަން ޖަހާފައިވާ އަތުކުރީ ބޭންޑުތަކެއް ކުޅުންތެރިންނަށް ހަދިޔާކުރައްވާފައެވެ.

ޖޯޓާގެ މަންމަ އާއި ބައްޕަ، އިސަބެލް އަދި ޖޯކިމް ސިލްވާ، ވެސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ދަނޑަށް ގޮސްފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ޖޯޓާގެ ހަނދާނުގައި ބޭއްވި ހަރަކާތްތަކުގައި އެމީހުނަށް ކުރި އަސަރާ ގުޅިގެން ލޮލުން ހިލުނު ކަރުނަތަށް، ކެމެރާތަކުން މުޅި ދުނިޔެއަށް ދެއްކިއެވެ. 

ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 49 މެޗުގައި 14 ލަނޑު ޖަހައިދީފައިވާ ޖޯޓާ އަކީ ޓީމުގެ ޑްރެސިން ރޫމުގައި ވެސް އެންމެންގެ އިތުބާރު ހޯދާފައިވާ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަނިޔާގެ ސަބަބުން ގެއްލުނު ނަމަވެސް، އޭނާ ދުނިޔޭގައި ހުރި ނަމަ މި ފަހަރުގެ މުބާރާތުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިރޭގެ މެޗަށް ޕޯޗުގަލް ނުކުންނައިރު، މުޅި ޓީމުގެ އަމާޒަކީ ޖޯޓާގެ ހަނދާނުގައި މި މެޗުން މޮޅުވެ، މުބާރާތުގައި ކުރިއަށް ދިއުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450