ޚަބަރު
ފައިނޭންޝަލް އެކްސްޕޯގައި ޒަކާތު ހައުސްގެ ސްޓޯލުން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު
ރައީސުލްޖުމްހޫރިއްޔާ ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރެއްވުން / ފޮޓޯ: ޒަކާތު ހައުސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން ޚާއްޞަ އިނާމުތަކަކާއެކު "ޒަކާތު ކުއިޒް" ޕްރޮގްރާމެއް ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށްދާ މި އެކްސްޕޯގައި، ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޒަކާތާ ގުޅޭގޮތުން ގިނަ މަޢުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކުރިޔަށްގެންދާ ކުއިޒް ފަރުމާކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި، އުޞޫލުތަކާއި، ޒަކާތާ ގުޅޭ ދީނީ ޙުކުމްތަކުގެ އިތުރުން ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތަކުގެ މައްޗަށެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކުވެސް ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރިއަކު ހޮވައި، 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި އެކްސްޕޯ ނިމުމުން، ކުއިޒްގެ ހުރިހާ ބައިވެރިންގެ މެދުގައި ނެގޭ "ގްރޭންޑް ލަކީ ޑްރޯ" އިން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބޭނެއެވެ.
ފައިނޭޝަން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޒަކާތު ހައުސް
ކުއިޒްގެ އިތުރުން، ޒަކާތު ހައުސްގެ ސްޓޯލުން އާންމުންނަށް ލިބޭނެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި:
- ޢިލްމުވެރި ޝައިޚުންނާ ސުވާލުކޮށް ޒަކާތާ ގުޅޭ މަޢުލޫމާތު.
- ޒަކާތު ހައުސްގެ މަޢުލޫތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު.
- މިހާރު ހުޅުވާލެވިފައިވާ "ޒަކާތު ސްކޮލަރޝިޕް" ޕްރޮގްރާމާ ގުޅޭ އިރުޝާދު.
- ޒަކާތާ ގުޅޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސް ހިލޭ ލިބުން
ފައިނޭންޝަލް އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 4 ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށެވެ. ޒަކާތު ހައުސްއިން ބުނިގޮތުގައި މިފަދަ ހަރަކާތެއް ބޭނުމަކީ އިސްލާމީ މާލީ ނިޒާމުގެ ތެރޭގައި ހިމެނޭ ޒަކާތުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ.