Ads by Farudhun

ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް

ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވަފުދެއް ޗައިނާއަށް

ޗައިނާއަށް ޒިޔާރަތްކުރި ވަފުދު---

farudhun logo

ފަރުދުން

02 ޖުލައި 2026، 08:19

02 ޖުލައި 2026، 08:19

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އެ ޤައުމުން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަޤުސަދުގައި ރާއްޖޭގެ  މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފިއެވެ.

މި ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އިތުރުން ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސިޓީތަކުގައި ޚާއްސަ ނެޓްވޯކިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މި މަހުގެ 1އިން 11އަށް ޗައިނާއަށް ކުރައްވާ މި ދަތުރުގައި ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އިސްވެރިންގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ގައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތައް ހިމެނެއެވެ.

މި ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހާރިސް މުޙައްމަދާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ގައުމެކެވެ. އެހެންކަމުން އެ ގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވުމަކީ، މިކަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަމެކެވެ. އެގޮތުން މި ދަތުރުގައި މި ވަފުދުން ޗައިނާގެ ތިން ސިޓީއަކަށް ޒިޔާރަތް ކުރާނެއެވެ. އެއީ، ވެރިރަށް ބެއިޖިންގ، ޝަންހާއި އަދި ޗެންގްޑޫއެވެ.

ވިޒިން މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރަކީ މެދުއިރުމަތީގެ މިހާރުގެ ހާލަތާ ގުޅިގެން ބައިނަލްއަޤުވާމީ ފަތުރުވެރި ކަމަށާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުގެ އަމާޒަކީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓުތަކާއި އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނެ ފަހި މަގުތަކެއް ހޯދައިދިނުންކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450