Ads by Farudhun

ޚަބަރު

ރާއްޖޭގެ ގާރލް ގައިޑު ހަރަކާތަށް މިއަދު މިވަނީ ވަރަށް ތާރިހީ މަގާމެއް ލިބިފައި: މެޑަމް ސާޖިދާ

ރާއްޖޭގެ ގާރލް ގައިޑު ހަރަކާތަށް މިއަދު މިވަނީ ވަރަށް ތާރިހީ މަގާމެއް ލިބިފައި: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 ޖުލައި 2026، 10:31

02 ޖުލައި 2026، 10:31

ދިވެހިރާއްޖޭގެ ގާރލް ގައިޑް ހަރަކާތަށް މިއަދު މިވަނީ ވަރަށް ތާރީޚީ މަގާމެއް ލިބިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ގާރލް ގައިޑް ޚިދުމަތް ގައުމީ ފެންވަރުގައި ފާހަގަކުރަން ފެށުމާއެކު ބޭއްވި ފުރަތަމަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖެއަށް ގާރލް ގައިޑް ތައާރަފްކުރެވުނުތާ އެތައް އަހަރެއް ވެފައިވީނަމަވެސް، މިއީ މި ޚިދުމަތުގެ އަހަރީ ދުވަސް ދިވެހި ސަރުކާރުން ރަސްމީކޮށް ބަލައިގަންނަން ފެށި ފުރަތަމަ އަހަރު ކަމަށެވެ. އެހެންކަމުން، މި އަހަރަކީ ގާރލް ގައިޑު ހަރަކާތައް ތާރީޚީ ދުވަހެއްގެ އިތުރުން ތާރީޚީ އަހަރެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ގާރލް ގައިޑް ހަރަކާތަށް މިފަދަ ބޮޑު އަހައްމިއްޔަތެއް ދެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ރާއްޖޭގައި ގާރލް ގައިޑް ޚިދުމަތުގެ ތާރީޚަށް އަލިއަޅުވާލައްވަމުން އެކަމަނާ ވިދާޅުވީ، މި ޚިދުމަތް އެންމެ ފުރަތަމަ ފެށުނީ 1950 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ފެށުނީއްސުރެ ގާރލް ގައިޑުންނަކީ ގައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރަމުން އަންނަ ބައެއްކަން ފާހަގަކުރައްވައި، މީގެ ބައިގަރުނަށް ވުރެ ކުރިން ސަރުކާރުގެ ޕްރޮޓޮކޯލް ކަންކަން ބެލެހެއްޓުމުގައިވެސް ގައިޑުން މުހިންމު ދައުރެއް އަދާކުރިކަން ހަނދާން އާކުރެއްވިއެވެ. އޭރު އެފަދަ ފަންނީ ހުނަރު ހުންނަ މީހުން މަދުވުމުން، ގާރލް ގައިޑުންގެ ޚިދުމަތް ވަރަށް ބޮޑަށް ބަލައިގަތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، 13 މާރިޗު 1972 ގައި އިނގިރޭސި ރާނީ އެލިޒަބެތު ދޭއް ރާއްޖެ ވަޑައިގެންނެވިއިރު، ދިވެހި ގައިޑުން އެކި ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނުކަންވެސް މެޑަމް ފާހަގަކުރެއްވިއެވެ.

ގައުމު ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގައުމު ބިނާކުރުމަކީ މީހުން ބިނާކުރުން ކަމަށާއި، އެގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭ ކަމަށެވެ. ގާރލް ގައިޑް ހަރަކާތަކީ މީހުން ބިނާކުރުމުގެ މިފަދަ ވަރުގަދަ ހަރަކާތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

"ގާރލް ގައިޑު ހަރަކާތުން ވަރަށް މުހިންމު ކަންތައްތަކެއް ދަސްކޮށްދޭ. އެގޮތުން މަސައްކަތުގެ ތެރެއިން ވަގުތަށް ފަރުވާތެރިވާން ދަސްކޮށްދޭ، މަސައްކަތުގައި މުރާލިވާން ދަސްކޮށްދޭ، ޒިންމާއަށް ފަރުވާތެރިވާން ދަސްކޮށްދޭ، ނުރަނގަޅު ވިސްނުންތަކާ ހިޔާލުތަކާ ދުރުވެ ހަރުދަނާ ތޫނުފިލި ސިކުނޑިއެއް ލިބިގަންނަން ދަސްކޮށްދޭ. އަމިއްލަ ކަންތައްތަކުގެ މައްޗަށް ޖަމާއަތުގެ މަސްލަހަތު އިސްކުރަން ދަސްކޮށްދޭ،"

ގާރލް ގައިޑުންގެ ސިފަތައް ބަޔާންކޮށްދެއްވަމުން މެޑަމް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި ގާރލް ގައިޑުން ބިނާކޮށްދެނީ ގައުމަށް ބޭނުންވާ ފަދަ ހަރުދަނާ އަންހެނުންނެވެ. އަދި މިއީ އިޖުތިމާއީ ގޮތުންނާއި، ގައުމީ ގޮތުން އަދި ބައިނަލްއަޤުވާމީ ގޮތުން ވެސް ރާއްޖެއަށް ވަރަށް މުހިންމު ދުވަހެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450