ކުޅިވަރު

ޕޯޗުގަލް ގަދަ 16 އަށް: ވީއޭއާރު ވީ އެ ޓީމަށް ނިޢުމަތަކަށް

ޕޯޗުގަލް ގަދަ 16 އަށް: ވީއޭއާރު ވީ އެ ޓީމަށް ނިޢުމަތަކަށް

ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ /

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޖުލައި 2026، 07:11

03 ޖުލައި 2026، 07:11

ވޯލްޑް ކަޕްގެ ނޮކްއައުޓް ފުރަތަމަ ބުރުގެ 14ވަނަ މެޗުގައި ފޯރިގަދަ ކަންތައްތަކެއް ފެނިގެން ދިޔަ ދެވަނަ ހާފަކަށްފަހު، 2-1އިން ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

މި މެޗުގެ ފަހު ހާފުގައި މުހިންމު ތިން ނިންމުމެއް ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު)ގެ އެހީގައި ނިންމާފައިވާއިރު، މީގެ ތެރެއިން ދެ ނިންމުމަކީ ޕޯޗުގަލް ސަލާމަތްކޮށްދިން ނިންމުންތަކެކެވެ. އެއީ ވީއޭއާރު ނެތްނަމަ، ރެފްރީއަށް އެންމެ ރަނގަޅަށް ނިންމަން ނޭންގޭނެ ނިންމުންތަކެއްކަން މެޗު ބަލަން ތިބި އެންމެން ގަބޫލުކުރާނެކަން ޔަގީނެވެ. 

މި މެޗުގެ ދެވަނަ ހާފަކީ ހަނދާނުން ފޮހެލަން ދަތި ހާފަކަށް ވަނީ ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ފެނިގެން ދިއުމުންނެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ލަނޑެއްޖަހައި ކްރޮއޭޝިއާއިން ކުރިހޯދުމާއެކު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޕޯޗުގަލްގެ ދަތުރު ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވުނު ނަމަވެސް، އުންމީދު ކަނޑާނުލައި ޕޯޗުގަލްއިން ކުރި މަސައްކަތުން މެޗުގެ 68 ވަނަ މިނެޓުގައި ޕެނަލްޓީއެއް ކާމިޔާބުކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެ ހާފު ކުޅެ، ޕެނަލްޓީ ޝޫޓްއައުޓަކަށް ދާންޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ 94 ވަނަ މިނެޓުގައި ގޮންޗާލޯ ރާމޯސް ބޮލުން ޖެހި ލަނޑާއެކު މެޗުގެ ފޯރި އަނެއްކާވެސް ގަދަވެގެންދިޔައެވެ.

އޭގެ ފަހުން މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި، ކްރޮއޭޝިއާއިން ފޮނުވާލި އެންމެ ފަހު ހަމަލާއާއެކު މެޗުގެ ނަތީޖާ އަލުން ހަމަހަމަވި ކަމަށް ހީވި ނަމަވެސް، ވީއޭއާރް (VAR)ގެ އެހީތެރިކަމާއެކު ނިންމީ އެ ލަނޑު ބަލައިނުގަތުމަށެވެ. 

ކްރޮއޭޝިއާ ފަހު ސިކުންތު ކޮޅުގައި ޖެހި ގޯލް އޮފްސައިޑްކަމަށް ނިންމުން---

މިއީ މި މެޗު ބަލަމުން ދިޔައިރު ހީކުރެވުނު ގޮތެވެ. ނަމަވެސް ވަގުތާއެކީ ކަންކަން ދިޔައީ ބަދަލުވަމުންނެވެ. އެންމެ ފަހުން ކާމިޔާބު ލިބުނީ ޕޯޗުގަލްއަށެވެ.

މި މެޗުގައި ކްރޮއޭޝިއާއިން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. އެ ލަނޑަކީ ޕޯޗުގަލް ރަނގަޅަށް ކުޅެމުން ދަނިކޮށް ކްރޮއޭޝިއާއިން އުފެއްދި ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްވެގެން ދިޔައީ ކަނާތްފަރާތުން ސްޓެނިސިޗް، ވާތްފަރާތުގައި ހުރި ޕެރިސިޗްއަށް މަތިން ދިން ބޯޅައާއެކުއެވެ. 

އެ ބޯޅަ ހުސްކޮށް ހުރި ޕެރިސިޗަށް ލިބުމުން، އޭނާ ވަރަށް ހަމަޖެހިލާފައި ގޯލްކީޕަރު ކޮސްޓާގެ ފައިދޭތެރެއިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. 

އެ ލަނޑާއެކު ކްރޮއޭޝިއާގެ ކުޅުން ރަނގަޅުކުރިއެވެ. އެގޮތުން އޭގެ 4 މިނެޓުފަހުން ކްރޮއޭޝިއާގެ މެޓަނޮވިޗް އިތުރު ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް އެއީ ގޯލެއް ނޫންކަން، ވީއޭއާރުގެ އެހީތެރިކަމާ ނުލައި ރެފްރީއަށް ނިންމޭހާ ފަސޭހަ ނިންމުމެކެވެ.

އޭގެ ފަހުން ދެން ފެނުނީ، ޕޯޗުގަލްއިން އެއްފަހަރާ ހަތަރު ބަދަލުގެނަސް، އެޓޭކު ވަރުގަދަ ކުރި މަންޒަރެވެ. 

މި ބަދަލުތަކަށް ފަހު ރޮނާލްޑޯއަށް ލިބުނު ހަނި ފުރުސަތަކުން، މަތިން އައި ބޯޅައެއް ރީތިކޮށް ކޮންޓްރޯލްކޮށްލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ ނަތީޗާ އެއްވަރުކުރިއެވެ. ނަމަވެސް އޭރު ލައިންސްމަން ހުރީ، އެއީ އޮފްސައިޑެއްކަމަށް ނިންމައި ދިދަ ނަގައިގެނެވެ. އެހެންކަމުން އެ ގޯލު ނުގުނުމަށް ރެފްރީ ނިންމިއެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް، ޕޯޗުގަލްގެ ކޯނަރެއްގައި ރެނާޓޯ ވެއިގަރ ބޯޅައަށް އެރި ވަގުތު އޭނާ ހިފަހައްޓާފައި އޮތުމުން، ވީއޭއާރުގެ އެހީތެރިކަމާއެކު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ.

މި ފުރުސަތާއެކު ރޮނާލްޑޯ އޭނާގެ ދައުރު އަދާކޮށް ޕޯޗުގަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. 

މެޗު ނިމެން 9 މިނެޓަށްވެފައި ވަނިކޮށް ކްރޮއޭޝިއާގެ ސުސިޗް ވެސް ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް އެއީ އަނެއްކާވެސް އެ ޓީމުން ކާމިޔާބުކުރި އޮފްސައިޑް ގޯލެއްކަމަށް ނިންމިއެވެ. 

މެޗުގައި ދެން ފެނުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ، މެޗުގެ 82ވަނަ މިނެޓުގައި ރޮނާލްޑޯ ބަދަލުކުރުމެވެ. މިއީ މާޓިނޭޒްއަށް ގެންނަން ނުކެރޭނެ ބަދަލެއްކަމަށް، ކުރިން ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ޕޯޗުގަލްއިން ލީޑު ނެގީ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި، ރަފެއަލް ލިއާއޯ ނަގައިދިން ހުރަހަކުން، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރާމޯސްއެވެ. އޭނާ ބޮލުން ޖަހަން އެރިއިރު ކްރޮއޭޝިއާގެ ޑިފެންޑަރުން އޭނާ ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރިތަނެއް ނުފެނުނެވެ.

ދެން ފެނުނީ މެޗުގެ ފަހު ސިކުންތުކޮޅުގައި ކްރޮއޭޝިއާއިން ކާމިޔާބުކުރި ގޯލެވެ. މި ގޯލަށް ގޮތެއް ނިންމުންމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ. އަދި ރެފްރީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމުމުން، އެކަން ގަބޫލު ނުކުރެވިގެން ކްރޮއޭޝިއާގެ ގިނަ ކުޅުންތެރިން އުޅުނު މަންޒަރު ފެނިފައި ވެއެވެ.

މި ނަތީޖާއާއެކު ގަދަ 16 ގައި ޕޯޗުގަލް ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450