ޚަބަރު
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރެއާއި މާދަމޭ ރޭ ހަވާ އަރުވަނީ
ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއާ ގުޅިގެން މިރެއާއި މާދަމާރޭ ޚާއްޞަ ހަވާ އެރުވުމުގެ ހަރަކާތްތަކެއް އޮންނާނެކަމަށް މި ހަރަކާތް އިންތިޒާމުކުރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހާމަކޮށްފައިވެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭގެ ހަވާއެރުވުމުގެ ހަރަކާތާ ގުޅިގެން ބުނީ، ހަވާ އެރުވުން އޮންނާނީ މިރޭ 10:00ގައި ކަމަށެވެ. އަދި މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މިރޭ 22:00 ހާއިރު، ހުޅުމާލޭ އިރުމަތީ ފަރާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަން. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު. pic.twitter.com/iSTuH6MDrr
— Maldives National Defence Force (@MNDF_Official) July 3, 2026
މީގެ އިތުރުން، އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ "ކުޑަކުދިންގެ ހަވީރު" އާއި، އަގުހުރި އިނާމުތައް ލިބޭ ގުރުއަތުލުންތައް ވެސް މި މައުރަޒުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
ބުރާސްފަތި ދުވަހު ފެށި މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ އިދާރާތަކުން ދޭ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އެގޮތުން ގެދޮރުވެރިކަމުގެ ލޯނުތަކާއި، އިސްލާމިކް ފައިނޭންސް އަދި ޑިޖިޓަލް ބޭންކިންގް ފަދަ މުހިންމު ޚިދުމަތްތަކާ ގުޅޭ މައުލޫމާތު މި މައުރަޒުން ލިބެން ހުންނާނެއެވެ.
ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދިނުމަށް މި އެކްސްޕޯގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.