ޚަބަރު
އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް: ޚުޠުބާ
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ---
އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް ކަމަށާއި، ކޮރަޕްޝަނާއި ރިޝްވަތުގެ ނުބައި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަމުގެ މައްޗަށެވެ.
ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނަފުސުގެ ދަހިވެތިކަން ހިމެނެއެވެ. މިފަދަ ނުބައި އަނދަވަޅަކަށް ނަފުސު ވެއްޓުމުން ސަލާމަތްވާން އެދޭ މީހާ، މާތް ނަބިއްޔާ ﷺ ގެ ބަސްފުޅުތަކުން ޢިބުރަތް ލިބިގަންނަންޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ، މުއްސަނދިކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަން ކަމުގައެވެ.
އަދި އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް ކަމަށާއި، އެ ސިފަ ހުންނަ މީހާ ޙަރާމް މަންފާއަށް ދަހިވެތިވެ އޭނާގެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކައި ނުލާނެކަމަށް ޚުޠުބާގައި ވަނީ ހާމަކޮށްފައެވެ.
ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ ތިމާއާ ޙަވާލުވެފައިވާ މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށެވެ. އަދި ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށްޓަކައި ބޭނުންކުރުމަކީ ބޮޑުވެގެންވާ ޚިޔާނާތެއް ކަމަށްވެސް ބަޔާންކުރެއްވިއެވެ.
އިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، މިނިވަންކަމާއި ޢަދުލުވެރިކަމަށް ލޯބިކުރުން ލައްވާފައިވާއިރު، ކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ. މިއީ ބިން ފަސާދަކުރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލެއް ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި ބާވަތަކީ ރިޝްވަތުކަން ފާހަގަކުރައްވައި، ޚުޠުބާގައި ވިދާޅުވީ، ރިޝްވަތު ދިނުމާއި ހިފުމަކީ ލަޢުނަތް ލެއްވިގެންވާ ބޮޑު ފާފައެއް ކަމަށެވެ. ބައެއް މީހުންނަށް މިއީ ކަން އޮންނަންވީ މަގު ކަމުގައި ހީވި ނަމަވެސް، މިއީ ނުހަނު ނުރައްކާތެރި ކަމެއް ކަމަށާއި، ކިތަންމެ ކުޑަ ޒިންމާއެއް ހަވާލުވެފައިވާ މީހަކުވެސް ނަހަމަ މަންފާއާ ދުރުހެލިވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނަހަމަ ގޮތުގައި މަންފާ ހޯދާ މީހާއަށް ހުރި ހަލާކުގެ ބޮޑުކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، އެފަދަ މީހުންގެ މައްޗަށް މާތް ﷲގެ ކޯފާ އާންނާނެ ކަމުގައެވެ. އަދި އެފަދަ މީހުންނަކީ އީމާންކަމުގެ ނޫރު ކަނިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ ބައެއް ކަމުގައިވެސް އިންޒާރު ދެއްވިއެވެ.
ޚުޠުބާ ނިންމަވައިލައްވަމުން ވިދާޅުވީ، ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. އަދި މިއީ ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅި، ނާއިންސާފާއި ބިރުވެރިކަން ފެތުރޭ ކަމެއް ކަމުގައިވެސް ބަޔާންކުރެއްވިއެވެ.