ޚަބަރު
ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ފުރުޞަތު ހުޅުވާލާފައިވަނީ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަކަށެވެ.
މި މަޤާމުތަކަށް މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލާ އެއްގޮތަށެވެ. އެގޮތުން، އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެ ކަމަށާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުން ބޯޑަށް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް
ބޯޑު މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށް ވުމާއެކު، އުމުރުން 35 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، އެއިން ދާއިރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. މީގެ އިތުރުން، ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުމަކީ ލާޒިމް ކަމެކެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ 50 އިންސައްތައަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައިވެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. ޕެންޝަން އޮފީހުން ވަނީ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި މާކްސް ދިނުމުގެ އުސޫލު ހިމެނޭ ޓާރމްސް އޮފް ރެފަރަންސްތައް ވެސް ޝާޢިއުކޮށްފައެވެ.
2009 ވަނަ އަހަރު ޤާއިމްކުރި ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާއެވެ. މި އޮފީސް ހިންގަނީ 8 މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރާއި މާލީ ވުޒާރާ އަދި ސޯޝަލް ސެކިއުރިޓީ ވުޒާރާގެ އިސް މުވައްޒަފުންގެ އިތުރުން ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.