ދުނިޔެ
ހިފާފައިވާ ހުޅަނގު އައްސޭރީގައި އަނެއްކާވެސް އިސްރާއިލްގެ ބަޔަކު އާބާދުކުރަނީ
ނާބުލުސްގެ މަގެެއް. ފޮޓޯ: އީޕީއޭ
ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭ ސަރަހައްދުގައި އަލަށް 13 އާއިލާއެއް އާބާދު ކުރުމުގެ މަޝްރޫއެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފިއެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ބިންތައް އިތުރަށް ބައިބައިވެ، އިރުމަތީ ގުދުސް އެ ސަރަހައްދުގެ އެހެން ފަލަސްތީނު އަވަށްތަކާ އެކަހެރިވެގެންދާނެއެވެ.
އިސްރާއީލުގެ ޗެނަލް 7 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ކެބިނެޓުން ފާސްކުރި މި ޣައިރު ގާނޫނީ އާބާދީތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ ބިންޔާމިން ރީޖަނަލް އޭރިއާގައެވެ. މި ސަރަހައްދަކީ ނާބްލަސް، ރާމަﷲ އަދި ބެތުލެހެމް ފަދަ ފަލަސްތީނުގެ ސިޓީތައް ގުޅުވައިދޭ މައި މަގު ކަމަށްވާ ރޫޓް 60 އޮންނަ ސަރަހައްދެވެ.
ފަލަސްތީނުގެ ގުދުސް ގަވަރުނަރޭޓުން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ފުރަތަމަ މަރުހަލާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެށޭނެއެވެ. މި މަރުހަލާގައި ހަތަރަކާއި ހަޔަކާ ދެމެދުގެ އަދަދަކަށް އާބާދީ ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި މިލިއަނުން ޝެކަލްގެ އިންވެސްޓްމަންޓްތައް ހިމެނެއެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ވަގުތީ އާބާދީތަކަކީ ގާނޫނީ ތަންތަން ކަމަށް ކަނޑައަޅައި، ސަރުކާރުގެ ބަޖެޓާއި އިންފްރާސްޓްރަކްޗާ އެ ތަންތަނަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ގުދުސް ގަވަރުނަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި މަޝްރޫއުގެ ބޭނުމަކީ ބިމުގެ ހަގީގަތް ބަދަލުކޮށްލުން" ކަމަށާއި، މީގެ ސަބަބުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ނުރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް، ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް ހުރަސް އެޅުމަށް ވަނީ ގޮވާލާފައެވެ.
ފަހަކަށް އައިސް އިސްރާއީލުން އާބާދީތައް ފުޅާކުރުން ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ. ފަލަސްތީނު ފޯރަމް ފޯ އިސްރާއީލީ ސްޓަޑީޒް (MADAR) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2012 އާއި 2022 އާ ދެމެދު އަހަރަކު އެވްރެޖްކޮށް 8 އާބާދީ އުފެއްދި ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު 32 އަށް، 2024 ގައި 62 އަށް އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 86 އަށް ވަނީ އަރާފައެވެ.
މިހާރުވެސް ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި 700،000 އަށްވުރެ ގިނަ އިސްރާއީލު މީހުން ވަޒަންވެރިވެފައިވާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ގޮތުގައި މި ހުރިހާ އާބާދީތަކަކީ ވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ގާއިމުކޮށްފައިވާ ތަންތަނެވެ.