ޚަބަރު
"މަންފާ އެކަޑަމީ" އިފްތިތާހުކޮށް "ބަންގި" މޮބައިލް އެޕް ލޯންޗްކޮށްފި
މަންފާ އެކަޑަމީގެ ބަންގި އެޕް ފޮޓޯ: އެމްއެމް
ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަނގަޅު، ދީނީ ކަންކަމަށް ފަރުވާތެރިވާ ޖީލެއް ބިނާކުރުމުގެ މަތިވެރި އަމާޒުގައި "މަންފާ އެކަޑަމީ" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ޣިޔާޡުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެކަޑަމީ އިފްތިތާހުކޮށްދެއްވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރ އަދި ރާއްޖޭގެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ. މި ރަސްމިއްޔާތުގައި އެކަޑަމީގެ ފަރާތުން ވަނީ ރަސްމީ ޖާޒީ ސުޒައިންއަށް ހަދިޔާކޮށްފައެވެ.
މަންފާ ޖަމިއްޔާގެ ދަށުން އުފެއްދި މި އެކަޑަމީގެ ޗެއަރމަނަކީ މަންފާ ޖަމިއްޔާގެ ފައުންޑަރ ޢަލީ ރަމީޒެވެ. އެކަޑަމީގެ ރައީސަކަށް ވޮލީގެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު ހަމަޖައްސާފައިވާއިރު، ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ނިސްތާރު މުޙައްމަދާއި، މުޙައްމަދު ތައުފީގުގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް ކޯޗު އިބްރާހީމް ރަމީޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއަރމަން ޢަލީ ރަމީޒް ވިދާޅުވީ، މަންފާ އެކަޑަމީ ވެގެންދާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ ދައްކާނެ، އަދި ކުޅިވަރުގެ ތެރެއިން އިސްލާމީ ދައުވަތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ކަމަށެވެ.
އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ނައިބު ރައީސް ޢަލީ ނިސްތާރު ވިދާޅުވީ، އެކަޑަމީގެ އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު މިވަގުތު ހުޅުވާލާފައި ނުވި ނަމަވެސް، ދާދި އަވަހަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިސްތާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ ހަމައެކަނި ކުޅިވަރު ކުޅުންތެރިން އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި، ނަމާދަށް ފަރުވާތެރިވާ، ދީނީ އަދި އަޚްލާޤީ ރަނގަޅު އުސޫލުތަކަށް ބޯލަނބާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ މި އެކަޑަމީގެ އެންމެ ބޮޑު އަމާޒެވެ.
މީގެ އިތުރުން ނަމާދު ވަގުތުތަކަށް ސަމާލުކަން އިތުރުކުރުމަށާއި ދީނީ ކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މަންފާ ޖަމިއްޔާގެ ފަރާތުން "ބަންގި" ނަމުގައި ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ވަނީ ލޯންޗުކޮށްފައެވެ. "އައްތިބްޔާން" އިން ޑިވެލޮޕްކޮށްފައިވާ މި އެޕަކީ ނަމާދުގެ ވަގުތުތަކާއި ދީނީ ޒިކުރުތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އެޕެކެވެ.
މި އެޕްލިކޭޝަންގައި ހިމެނޭ މުހިންމު ކަންކަމަށް ބަލާއިރު، ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތައް، ދިވެހި އަދި އިނގިރޭސި މާނައާއެކު ހިމަނާފައިވެއެވެ. އަދި ނަމާދު ވަގުތު ޖެހުމާއެކު އެކަން އަންގައިދޭ ނޮޓިފިކޭޝަން ފޮނުވުމުގެ އިތުރުން، ދެން އޮތް ނަމާދަށް ބާކީ އޮތް ވަގުތުވެސް މި އެޕުން ފެންނަން ހުރެއެވެ.
މީގެ އިތުރުން، ދަތުރުވެރިންނަށް ފަސޭހަވާނެހެން ކޮންމެ ޤައުމެއްގައި ހުރިކަމުގައިވިޔަސް އެ ޤައުމެއްގެ ނަމާދު ވަގުތުތަކާއި ޤިބުލަ ދެނެގަނެވޭނެ އިންތިޒާމުވެސް "ބަންގި" އެޕްގައި ވަނީ ހިމަނާފައެވެ. މަންފާ ޖަމިއްޔާގެ އަމާޒަކީ މި އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި މުޖުތަމައަށް ދީނީ ކަންކަމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމެވެ.