ސައިންސް
އަތް ބަލިކަށިވެ ލޯފުސްވެ ސްމާޓްފޯނުގެ އަޅަކަށް ހަށިގަނޑު ވަނީ ހެއްޔެވެ؟ "ފޯން ބޮޑީ" އިން ސަލާމަތްވާނެ މަގު
ފޯން ބޮޑީ
މިއަދުގެ ތަހުޒީބީ ދުނިޔޭގައި، އިންސާނާގެ ދިރިއުޅުމުގެ ބޮޑުބައެއް ވޭތުކުރަނީ ޑިޖިޓަލް ސްކްރީންތަކުގެ ކުރިމަތީގައެވެ. ސްކްރީންތަކަށް ހޭދަކުރާ ވަގުތު ނުވަތަ 'ސްކްރީން ޓައިމް' އިތުރުވުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު އަޅުގަނޑުމެން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މީގެ ސަބަބުން ހަށިގަނޑުގެ ބޭރުފުށަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދެވެނީ ވަރަށް މަދުންނެވެ. ފޯނު ހިފަހައްޓަން ބޭނުންކުރާ ކުޑަވައި އިނގިލީގެ ބައްޓަމަށް އަންނަ ބަދަލުތަކާއި، ކަރާއި ބޮލުގައި އުފެދޭ ދާއިމީ ރިހުމަކީ ފޯނު ބޭނުންކުރުމުގެ ސަބަބުން މުޅި ހަށިގަނޑަށް ކުރިމަތިވާ ޖިސްމާނީ ގޮންޖެހުންތަކުގެ ހެއްކެކެވެ. ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑަށް މިފަދައިން ލިބޭ ގެއްލުންތަކާއި އަންނަ ނޭދެވޭ ބަދަލުތަކަށް "ފޯން ބޮޑީ" ގެ ނަމުން ނިސްބަތްކުރެވިދާނެއެވެ.
ސައިންޓިފިކް ދިރާސާތަކާއި މާހިރުންގެ ހޯދުންތަކުން ކަށަވަރުވާ ގޮތުގައި، ސްމާޓްފޯނާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން ކަރުގެ ގުދުރަތީ ބައްޓަމަށް ބަދަލު އައުމާއި، ލޮލުގެ ފެނުން ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގެ މަސްތަކުގެ ވަރުގަދަކަން ދަނީ ކުޑަވަމުންނެވެ. މީގެ އިތުރުން، ހަމުގެ ތަފާތު މައްސަލަތައް ކުރިމަތިވުމާއި، އުމުރަށްވުރެ ކުރިން މޫނާއި ކަރުގެ ހަންގަނޑު ކުރަކިވެ، ރޫތައް އުފެދުމަކީވެސް މިފަދަ ވަސީލަތްތަކުގެ ސަބަބުން ފާހަގަކުރެވޭ ނޭދެވޭ އަސަރުތަކެކެވެ.
މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "ޓެކް ނެކް" ގެ މައްސަލައެވެ. މިއީ ފޯނު ބޭނުންކުރުމަށްޓަކައި ގިނަވަގުތު އިސްޖަހައިގެން ތިބުމުގެ ސަބަބުން ކަރަށް ކުރިމަތިވާ ސިއްހީ ނުރައްކަލެކެވެ. ފޯނަށް ބަލަން ބޯ ތިރިކޮށްލާ ކޮންމެ ފަހަރަކު، ކަރުގެ ކަށިތަކަށް ގާތްގަނޑަކަށް 27 ކިލޯގެ ބަރުދަން އުފުލަން މަޖުބޫރުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކަރުގެ ޑިސްކްތަކަށް ގެއްލުންވެ، ފުއްޕާމޭގެ މަސައްކަތްތަކަށް ބުރޫއަރައެވެ. މި މައްސަލައިން ރައްކާތެރިވުމަށްޓަކައި، ފޯނު ބޭނުންކުރާއިރު ލޮލާ އެއްވަރަށް އުފުލައިގެން ގެންގުޅުމަށާއި، ކޮންމެ 30 މިނެޓަކުން ސްކްރީނާ ދުރަށް ޖެހިލައި ހަށިގަނޑަށް އަރާމުދިނުން މުހިންމެވެ.
ހަމުގެ ސިއްހަތަށް ބަލާއިރު، ގިނަވަގުތު އިސްޖަހައިގެން އިނުމުގެ ސަބަބުން ކަރުގެ ހަންގަނޑު ކުރަކިވެ، ރޫތައް އުފެދުމުގެ އިތުރުން، ސްމާޓް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ހަމުގެ އެކި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. ހާއްސަކޮށް، ގަޑީގެ ދަށުގައި އުފެދޭ ތެތްކަމުގެ ސަބަބުން ފަންގަސް އަށަގަނެ، ހަންގަނޑު ހަލާކުވުމަށް މަގުފަހިވެއެވެ. މިކަމަށް އޮތް ހައްލަކީ ގަޑި ބޭލުމަށްފަހު އެ ސަރަހައްދު ރަނގަޅަށް ސާފުކޮށް، ހަންގަނޑު ހިއްކައިގެން ބެލެހެއްޓުމެވެ.
ލޮލުގެ ފެނުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ކައިރި ނުފެންނަ ބަލި ދުނިޔޭގައި އިތުރުވަމުންދަނީ ހަމައެކަނި ސްކްރީނަށް ބަލާ މިންވަރު ގިނަވުމަކުން ނޫނެވެ. އޭގެ ބަދަލުގައި، ޓެކްނޮލޮޖީއަށް ހުސްވެ، ގުދުރަތީ އަލީގައި ބޭރުތެރޭގައި ހޭދަކުރާ ވަގުތު މަދުވުމަކީވެސް މީގެ މައިގަނޑު ސަބަބެކެވެ. އިރުގެ އަލިން ލޮލަށް ލިބޭ ޑޯޕަމިންއަކީ ލޮލުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން، ލޮލުގެ ފެނުން ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުތެރޭގައި ހޭދަކުރާ ވަގުތު އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
މީގެ އިތުރުން، އަތުގެ ބާރު ދަށްވުމާއި ހަށިގަނޑުގެ ހަރަކާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަލިކަށިވުމަކީ ވެސް ޓެކްނޮލޮޖީގެ ނޭދެވޭ އަސަރެކެވެ. ގިނަ ވަގުތު އިށީނދެގެން އިނުމުގެ ބަދަލުގައި، ކަސްރަތު ކުރުމާއި، އަތުން ކުރާ މަސައްކަތްތައް (މިސާލަކަށް: ކެއްކުން، ކުރެހުން، ނުވަތަ އަތުން ލިޔުން) އިތުރުކުރުމަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޓެކްނޮލޮޖީއަކީ އަހަރެމެންގެ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑު "ބަލިކަށި" ވިޔަ ނުދިނުމަކީ އަހަރެމެންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެކެވެ. ދިރިއުޅުމުގެ އާދަތަކަށް ކުޑަ ބަދަލެއް ގެނެސްގެން، މި ނުރައްކާތަކުން އަހަރެމެންނަށް ސަލާމަތްވެވިދާނެއެވެ.