ޚަބަރު
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެ
ކޮންގްރެސް ޕާޓީގެ އިންތިޚާބާ ގުޅޭ އޮފިޝަލުން ފޮޓޯ: ޕީއެންސީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިންތިޚާބުގައި ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މި އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިއަދު ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށެވެ.
މި އިންތިޚާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ، މާނައަކީ 131 ރަށުގައި ވާދަވެރި އިންތިޚާބެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،
ފިރުޒުލް
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ފިރުޒުލް ވިދާޅުވީ ޕާޓީގެ ވޯޓާސް ލިސްޓުގެ އަސާސަކީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ކަމަށެވެ.
މިހާރު ޕާޓީގެ ވެބްސައިޓުން ވޯޓާސް ލިސްޓު ފެންނަން ހުންނާނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބާ ގުޅޭ އެހެނިހެން ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ރީ-ރަޖިސްޓްރޭޝަނަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަތޮޅުތެރޭގެ އިތުރުން މާލޭގައި ވެސް މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެއެވެ. ފިރުޒުލް ވިދާޅުވި ގޮތުގައި 131 ރަށު ދާއިރާގައި ވޯޓުލުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް މާލަސްތަކެއްނުވެ ފެށިގެންދާނެއެވެ.
މި އިންތިޚާބުގައި ދާއިރާތަކުގެ ރައީސުން ހޮވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރަކު ނެތް ދާއިރާތަކަށެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަކީ އޮޓޮމެޓިކުން އެ މެންބަރުންނެވެ.
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ފަހު، ޕާޓީގެ މަތީ މަޖިލިސް (ކޮންގްރެސް) ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.