ޚަބަރު
ބާރަށުގެ އާސާރީ ތަންތަން ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަނީ
ބާރަށުގައި ހުރި އާސާރީ ތަންތަން ވަޒީރު ހީނާ ބައްލަވާލެއްވުން ފޮޓޯ: ޕީއެސްއެމް
ހއ. ބާރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް އޮޅުންފިލުއްވުމަށް އެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން އެރަށުގެ ތާރީޚީ ބިނާތައް ބައްލަވައިލެއްވުމަށްފަހުގައެވެ.
މި ދަތުރުފުޅުގައި ވަޒީރު ވަނީ ބާރަށު ކައުންސިލާ ބައްދަލުކުރައްވައި، ރަށުގެ ތަރިކަ ހިމާޔަތްކުރުމަށް ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، މިކަމުގައި ކައުންސިލާއި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތްތަކާއި ޚިޔާލުތައްވެސް ވަޒީރު ވަނީ ހޯއްދަވާފައެވެ.
ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ އިތުރުންވެސް، ބާރަށުގައި ހުރި ޒަމާންވީ އެހެނިހެން އާސާރީ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައެވެ.
މިރަށުގައި އެބަހުރި މި މިސްކިތް ކަހަލަ ވަރަށް ބައިވަރު ތަންތަން މިގޮތަށް ބަލަހައްޓަންޖެހޭ އާސާރުގެ ގޮތުގައި. އެހެންވީމައި ކުރިއަށް އޮތްތަނުގައި ވުޒާރާއާއި ކައުންސިލާއި ގުޅިގެން މިތަންތަން އިތުރަށް ބަލަހައްޓައި ރައްކާތެރިކުރުމުގެ މަސައްކަތްތައް ކައުންސިލާއި މަޝްވަރާކޮށް އެކަން ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދާނަން،
ވަޒީރު
ބާރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ކަމަނާމަގު ސާފުކޮށް ތަރައްޤީކުރުމާއި، ކަޅުއޮށްފުންމި ބަނދެފައިވާ ތާރީޚީ ސަރަހައްދު އަދި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ހުރިހާ މަޝްރޫޢުތަކެއްވެސް މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން ނިންމުމަށް އަމާޒު ހިފައިގެން ބާރު ދުވެލީގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.
ވަޒީރުގެ މި ޒިޔާރަތުގައި ކަޅުއޮށްފުންމި ބަނދެފައިވާ ސަރަހައްދާއި ވާރުގެ ތަރައްޤީކުރުމުގެ މަސައްކަތް ބައްލަވާލެއްވުމުގެ އިތުރުން، ތާރީޚީ ކަޅުއޮށްފުންމި ބޭއްވުނު އޮޅުފަތި ކޯރަށާއި، އެ އޮޑި އައްސާފައި ބޭއްވުމަށް ބޭނުންކުރި ތިން ބެރެބެދިގަސް ހުރި ސަރަހައްދަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ރަށުގެ އެކި ކުޅިތަކަށާއި، ތާރީޚީ ހުކުރު މިސްކިތުގެ އިތުރުން، ރަށުގެ ފާހަގަކޮށްލެވޭ މުހިންމު އެހެނިހެން އާސާރީ ތަންތަންވެސް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.