ޚަބަރު
ކެލާ "ލިލީ ހައުސް" މަރާމާތުކޮށް މި އަހަރު ނިމެންވާއިރަށް ނިންމާލެވޭނެ: ވަޒީރު ހީނާ ވަލީދު
ކެލާ "ލިލީ ހައުސް" ފޮޓޯ:ސީއެންއެމް
ހއ. ކެލާގައި ހުރި ތާރީޚީ ބިނާއެއް ކަމަށްވާ "ލިލީ ހައުސް" މަރާމާތުކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށް ހާޒިރުވެވަޑައިގެން، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ހީނާ ވިދާޅުވީ، ކެލާގެ އާސާރީ ތަނެއް ކަމަށްވާ ލިލީ ހައުސް ތަރައްގީކުރުމުގެ މަޝްރޫއަކީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ފާއިތުވީ ދުވަސްތަކުގައި މި މަޝްރޫއުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް، މިހާރު އައު ޕްލޭނެއްގެ ދަށުން އެ މަސައްކަތް އަލުން ފެއްޓުމަށް ތައްޔާރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "ވުޒާރާގެ ޓީމެއް ދިޔަ މަހުގެ ތެރޭގައި ކެލާއަށް ޒިޔާރަތްކޮށް ކުރަންޖެހޭ މަސައްކަތަށް އިތުރަށް ބަލައި ދިރާސާކޮށް އެސެސްމެންޓް ޕްލޭނެއް ހަދައި، މިހާރު އެ ޕްލޭނުގެ ދަށުން އަލުން މަސައްކަތް ފެއްޓުމަށް މިހާރު ހަމަޖެހިފައި މިވަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، މި އަހަރު ނިމެންވާއިރަށް ކެލާ ލިލީ ހައުސްގެ މަޝްރޫއު ނިމޭނެކަމަށް އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ،" ކަމަށެވެ.
ރަށްރަށުގައި ހުރި މިފަދަ އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އެންމެ ބޮޑު މަގުސަދަކީ، އިހުގެ ކާބަފައިންގެ މަސައްކަތްތަކާއި ބިނާތައް އަންނަން އޮތް ޖީލުތަކަށް ސަލާމަތުން ވާސިލްކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކެލާ ލިލީ ހައުސް އަކީ މީގެ ގާތްގަނޑަކަށް 80 އަހަރު ކުރިން، ކުރީ ޒަމާނުގައި މައުލޫދުގެއެއްގެ ގޮތުގައި އަދި ކުދިންނަށް ކިޔަވައިދޭ ތަނެއްގެ ގޮތުގައި ބޭނުންކުރި މުހިންމު ބިނާއެކެވެ. 1700 އަކަފޫޓުގެ މި އިމާރާތަކީ އުވައިން ރާނައި، ވަރަށް ފުރިހަމައަށް އުވަޖަހާ ތަނބުތައް ފަރުމާކޮށްފައިވާ ރާއްޖޭގެ އާސާރީ ފަންނުވެރިކަން ދައްކުވައިދޭ ތަނެކެވެ.