ރިޕޯޓް
"ކޮންމެ ގަރލްގައިޑަކީ އެންމެންގެ ރަހުމަތްތެރިއެއް، އަދި ކޮންމެ ގައިޑެއްގެ އުޚުތެއް"
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު އަދި ކުރީގެ ރައީސުލްޖުމްހޫިރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ފޮޓޯ:ރައީސް އޮފީސް
ބައެއް ތަސްވީރުތަކަކީ ހަމައެކަނި ފެންނަ މަންޒަރެއްގެ ހަނދާނަކަށްވުރެ ބޮޑަށް، އަޅުގަނޑުމެން ބިނާކުރަން ބޭނުންވާ އުޖާލާ މުސްތަގުބަލާއި ފޮނި އުންމީދުތައް ރަމްޒުކޮށްދޭ މާނަފުން މެސެޖުތަކެކެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، ނުހަނު އިޚްލާޞްތެރި ހިނިތުންވުމަކާއެކު ބައްދަލުކުރެއްވި މަންޒަރަކީ، ދައުލަތުގެ ދެ ޝަޚުޞިއްޔަތެއްގެ އާދައިގެ ބައްދަލުވުމެއް ނޫނެވެ. އެއީ އެއަށްވުރެ މާ މާނަވީ، މާ ފުން މެސެޖުތަކެއް އުނގަންނައިދޭ މަންޒަރެކެވެ. އެއީ އަންހެނުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެކުވެރިކަމާއި އުޚުއްވަތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ދައްކައިދެއްވި ލާމަސީލު ނަމޫނާއެކެވެ.
މި މަތިވެރި ރޫހަކީ އަބަދުވެސް މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ މައިގަނޑު އަސާސެވެ.
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނަކީ އަންހެން ކުދިންގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށް، ހިތްވަރާއި އޯގާތެރިކަން އަށަގަންނުވައިދިނުމުގައި ނުހަނު އިސް ދައުރެއް އަދާކޮށްފައިވާ ޖަމިއްޔާއެކެވެ. މި ހަރަކާތަކީ އަންހެން ކުދިންނަށް ލީޑަރޝިޕްގެ ހުނަރުތަކާއި، ޒިންމާދާރުކަމުގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމުގެ މަތިވެރި ސިފަތައް އުނގަންނައިދިނުމުގައި ދެމިއޮތް ވަރުގަދަ ބިންގަލެކެވެ.
އެތައް އަހަރުތަކެއްގެ މާޒީއެއް އޮތް މި އެސޯސިއޭޝަނުން އަންހެން ކުދިންނަކީ މުޖުތަމަޢަށް ފައިދާހުރި، ކެރޭ، އަދި އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ހަރަކާތުގެ ތެރެއިން އެކުދިން އުނގެނެނީ ހަމައެކަނި ފަންނީ ހުނަރުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އިސްނެގުމުގެ ރޫޙާއި، ޒިންމާދާރުކަމާއެކު ކަންކަން ކުރިއަށް ގެންދިއުމުގެ މަތިވެރި އެސޫލުތައް އެކުދިންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވަނީ ބައްޓަންކޮށްދީފައެވެ.
ވޭތުވެދިޔަ އެތައް ޖީލެއްގައި، ގާލްގައިޑް ހަރަކާތަކީ ހަމައެކަނި ބެޖްތަކެއް ހޯދުމެއް ނުވަތަ އަމަލީ ހުނަރުތަކެއް ދަސްކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކުރުމާއި، އޯގާތެރިކަމާއެކު މުޖުތަމައަށް ޚިދުމަތްކުރުމާއި، އިޚްލާޞްތެރިކަމާއެކު އިސްނެގުމުގެ ރޫހު އަށަގެންނެވުމެވެ. އަދި ކޮންމެ ގާލްގައިޑަކީ "އެންމެންގެ ރަހުމަތްތެރިއެއް، އަދި ކޮންމެ ގައިޑެއްގެ އުޚުތެއް" ކަމުގައި ބަލައިގަތުމުގެ މަތިވެރި ސިފައެވެ.
ދިވެހިރާއްޖޭގެ އެތައް ހާސް އަންހެން ކުދިންނެއް ތަރުބިއްޔަތުވެ ބޮޑުވެފައިވަނީ، ފަޚުރުވެރިކަމާއެކު ގާލްގައިޑް ސްކާފް އަޅައި، އެ ހަރަކާތުގެ ވައުދުތައް ކަށަވަރުކޮށް، މުޖުތަމައަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމުގެ މަތިވެރި އަޒުމުގައެވެ. އެ ކުދިންނަކީ ބާރާއި ނުފޫޒަށްވުރެ ބޮޑަށް، އޯގާތެރިކަމާއި ކެރުމާއެކު އިސްނެގުމަކީ ކާމިޔާބީގެ ހަގީގީ ތަޅުދަނޑިކަން ދަންނަ، ހޭލުންތެރި ޒުވާން އަންހެނުންނެވެ.
1951 ވަނަ އަހަރު ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ގަރލް ގައިޑް ހަރަކާތް، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށްވުރެ ގިނަ ރަށަށް ފުޅާކުރެވި، 14000 އަށް ވުރެ ގިނަ މެންބަރުން ވަނީ މި ހަރަކާތުގައި ރަޖިސްޓްރީކުރެވިފައެވެ. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
ދިވެހިރާއްޖޭގެ ޗީފް ގައިޑްގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު ގެންދަވަނީ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަކުރައްވަމުންނެވެ. އެކަމަނާ އަބަދުވެސް ވަކާލާތު ކުރައްވަނީ، މުޖުތަމަޢެއްގެ ހަޤީޤީ ކުރިއެރުން ބިނާވެފައިވަނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ލީޑަރޝިޕްގެ މައްޗަށް ކަމަށެވެ. މީގެ އިތުރުން، ދިވެހި ޒުވާން އަންހެން ކުދިންނަކީ ޢިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލު، މުޖުތަމަޢަށް މަންފާކުރަނިވި ޚިދުމަތްތެރި ބަޔަކަށް ވުމަށް އެކަމަނާ އަންނަނީ ނުހަނު ބޮޑަށް ހިތްވަރު ދެއްވަމުންނެވެ.
ހަމައެފަދައިން، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދަކީ ވެސް ގާލް ގައިޑް ހަރަކާތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސްކޫލް ދައުރުން ފެށިގެން އެ ހަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަންހެން ކުދިންނަށް ކުރިއަށް ދިއުމުގެ މަގުތައް ފަހިކޮށްދެއްވުމަށާއި، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި އެކަމަނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މި ތަސްވީރު ނުހަނު ޚާއްޞަވާ ސަބަބަކީ މިއީއެވެ.
މިއީ ޚިދުމަތުގެ މެދުކެނޑުމެއްނެތް ސިލްސިލާ އާއި، އެއް އަންހެނަކު އަނެއް އަންހެނަކަށް ދޭ ހިތްވަރުގެ ވާހަކައެވެ. އެއް ޖީލުން އަނެއް ޖީލަށް ދައްކުވައިދޭ އުންމީދުގެ ވާހަކައެވެ. ލީޑަޝިޕަކީ ވަކި މީހަކާ ހިސާބުން ނިމޭ އެއްޗެއް ނޫންކަމާއި، އެއީ ޖީލުތަކުން ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކުރެވޭނެ އަސާސެއްކަން މި މަންޒަރުން ހަނދާންކޮށްދެއެވެ.
އަމިއްލަ ޝަޚުޞިއްޔަތު ބިނާކުރާ ކޮންމެ ކުއްޖަކާއި، މުޖުތަމައަށްޓަކައި ވަގުތު ހޭދަކުރާ ކޮންމެ ވޮލަންޓިއަރަކާއި، ޖެހިލުންވުމުގެ މައްޗަށް ކެރުން އިސްކުރާ ކޮންމެ ގާލްގައިޑަކީ މި މަތިވެރި މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ އުޚުއްވަތްތެރިކަމުގެ ހަރުދަނާ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ފަޚުރުވެރި ދަތުރެކެވެ.
އަންހެނުން އެކަކު އަނެކަކަށް އިތުބާރުކޮށް ހިތްވަރުދޭ ނަމަ، އަންހެން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުޅި މުޖުތަމައު ބާރުވެރިވެ، ގައުމުގެ މުސްތަގުބަލު އުޖާލާވާނެއެވެ. ގާލްގައިޑް ހަރަކާތުގެ ހަގީގީ ތަރިކައަކީ މިއީއެވެ. އެއީ ހަމައެކަނި ހުނަރުވެރި ގައިޑުންތަކެއް އުފެއްދުމެއް ނޫނެވެ. އެއީ ކެރުމާއި އޯގާތެރިކަމާއެކު އިސްނަގައި، މުޅި ދުނިޔެއަށް އަލިކަން ގެނެސްދޭނެ ހިތްވަރުގަދަ އަންހެން ޖީލުތަކެއް ބިނާކުރުމެވެ.
މި ބައްދަލުވުމުން ހާމަކޮށްދެނީ، ޤައުމީ މަޞްލަޙަތާއި އަންހެނުންގެ ކުރިއެރުމަށްޓަކައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަމެވެ. މިއީ ދިވެހި އަންހެން ކަނބަލުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އުންމީދީ މެސެޖެއްގެ އިތުރުން، މުޅި މުޖުތަމަޢަށް ދެއްކެވި ވަރަށް ފުރިހަމަ މިސާލެކެވެ.
މި ދެ ބޭފުޅުން އެކުގައި ފެނިގެންދިޔަ މަންޒަރަކީ، އަގުހުރި ތަޖުރިބާތަކާއި އައު ތަޞައްވުރުތައް ބައްދަލުވެގެންދިޔަ ތާރީޚީ ވަގުތުކޮޅެކެވެ. މިއީ އެއް ޖީލުން އަނެއް ޖީލަށް ލީޑަރޝިޕްގެ މަސްއޫލިއްޔަތުތައް ބަދަލުވަމުންދާއިރުވެސް، ޤައުމީ ޚިދުމަތުގެ މަތިވެރި ރޫޙު ބަދަލެއްނުވެ ދެމިއޮތްކަމުގެ ސާފު ހެއްކެކެވެ.
އަންހެނުން އެކަކު އަނެކަކަށް ހިތްވަރުދީ ބާރުވެރިކުރުވުމަކީ، މުޅި ޖީލުތަކުގެ ކުރިއެރުމާ ގުޅިފައިވާ ކަމެކެވެ. ގާލް ގައިޑްގެ "ވަޢުދާއި" އެއްގޮތަށް، ކެރުމާއި އިސްނެގުމުގެ ސިފަ އަށަގަނެފައިވާ ކޮންމެ އަންހެނެއްގެ ކިބައިން ފެންނަނީ ރާއްޖޭގެ އުޖާލާ މުސްތަޤްބަލެވެ. މިއަދު މި ފެނިގެންދިޔަ ބައްދަލުވުމަކީ، މުސްތަޤްބަލުގެ ލީޑަރުންނަށް ވުމަށް ތައްޔާރުވަމުންދާ އެތައް ހާސް ދިވެހި އަންހެން ކުދިންނަށް ލިބިގެންދިޔަ ނުހަނު ބޮޑު ހިތްވަރެކެވެ.
އަންހެނުންގެ މެދުގައި އޮންނަ މިފަދަ އެއްބާރުލުމަކީ މުޅި މުޖުތަމަޢު އުފުލައިދޭނެ ބާރެކެވެ. މިއަދު މި ދެ ބޭފުޅުން ދައްކަވައިދެއްވި ރީތި ނަމޫނާއިން، ގާލް ގައިޑުންގެ ވަޢުދާއި އަހުދު އަދިވެސް އެބޭފުޅުންގެ ކިބައިގައި ދިރިހުރިކަން ހާމަވެއެވެ. އެއީ ހިތްވަރާއެކު އިސްނެގުމާއި، އޯގާތެރިކަމާއެކު ޚިދުމަތްކޮށް، އަންނަން އޮތް ޖީލުތަކަށް މަގު އަލިކޮށްދިނުމެވެ.