ދުނިޔެ

ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކަށް އެތައް މިލިއަން ބަޔަކު ތެހެރާނަށް ޖަމާވެއްޖެ

ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތަކަށް އެތައް މިލިއަން ބަޔަކު ތެހެރާނަށް ޖަމާވެއްޖެ

ހާމަނާއީގެ ޖަނާޒާއަށް އެއްވެފައިވާ މީހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2026، 06:31

04 ޖުލައި 2026، 06:31

އީރާނުގެ ރޫޙާނީ އިސްލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވާ ހަފުތާއެއްގެ މުއްދަތަށް ދެމިގެންދާ ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް އެތައް ލައްކަ ބަޔަކު އީރާނުގެ ވެރިރަށް ތެހެރާނަށް ޖަމާވާން ފަށައިފިއެވެ. އީރާނުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ގައުމުގެ އެކި ސަރަހައްދުތަކުންނާއި ބޭރު ގައުމުތަކުން 10 މިލިއަނަށްވުރެ ގިނަ މީހުން މި ތާރީޚީ ވަދާޢީ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.

މިދިޔަ ފެބުރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި އުމުރުފުޅުން 86 އަހަރުގައި އަވަހާރަވި ޚާމަނާއީގެ ހަށިކޮޅު ބާއްވާފައިވަނީ އިމާމް ޚުމައިނީ މުސައްލާ ގްރޭންޑް މިސްކިތުގައެވެ. ހޮނިހިރު ދުވަހުން ފެށިގެން ކަޅު ހެދުމުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ދަނީ ދިދަތަކާއި، ގުރުއާނުގެ ކޮޕީތަކުގެ އިތުރުން ލީޑަރުގެ ފޮޓޯތަކާއެކު އެ ސަރަހައްދަށް އެއްވަމުންނެވެ. ޚާމަނާއީއާއެކު އެ ހަމަލާގައި ޝަހީދުވި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ހަށިކޮޅުތައްވެސް ވަނީ އެތަނުގައި ބަހައްޓާފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ތިން އަހަރުގެ ކާފަ ދަރިފުޅުވެސް ހިމެނެއެވެ.

މި ރަސްމިއްޔާތަށް ޒިޔާރަތްކުރާ މީހުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން އީރާނުގެ ސަރުކާރުން ވަނީ މުޅި ގައުމުގެ 5,000 އަށްވުރެ ގިނަ ސްކޫލްތަކާއި އެތައް ހާސް ކްލާސްރޫމްތަކެއް ހުޅުވާލާފައެވެ. ދުނިޔޭގެ ޝީޢީ މުސްލިމުންގެ މެދުގައި ދީނީ ގޮތުން ނުފޫޒުގަދަ ޝަޚްސިއްޔަތެއް ކަމަށްވާ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 100 އަށްވުރެ ގިނަ ގައުމުގެ ވަފުދުތަކުން ހުކުރު ދުވަހު ވަނީ ތެހެރާނަށް ގޮސްފައެވެ. މި ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުންވެސް މަންދޫބެއް ބައިވެރިވެލައްވާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޖުމްލަ ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޖަނާޒާގެ ޕްރޮގްރާމް ހޯމަ ދުވަހާ ހަމައަށް ތެހެރާނުގައި ކުރިއަށްދާނެއެވެ. އޭގެ ފަހުން ހަށިކޮޅުތައް މުުގައްދަސް ރަށެއް ކަމަށްވާ ގޮމް އަށާއި، އިރާގަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހުން ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އީރާނުގެ އިރުއުތުރުގައި އޮންނަ މަޝްހަދުގައެވެ.

މުހައްރަމް މަހުގެ ފުރަތަމަ 10 ދުވަހާ ދިމާކޮށް އަދި އެމެރިކާގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ މި ރަސްމިއްޔާތުތަކަކީ ރަމްޒީ ގޮތުން ބޮޑު މާނައެއް އެކުލެވޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ ޚާމަނާއީގެ ދަރިކަލުން އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދަނޑިވަޅުގައި، ސަރަހައްދީ ގޮތުން އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ބަދަލެއް ނުވެ ކުރިއަށްދާނެ ކަމުގެ މެސެޖެއް ކަމަށްވެސް ބެލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450