ޚަބަރު
ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް ނެރެފި
ފަށާތައުލީމު މަރުހަލާގެ ފުރަތަމަ ފޮތް ސެޓް ނެރެދެއްވުން ފޮޓޯ: ވުޒާރާ
ފަށާތައުލީމު ނުވަތަ ފައުންޑޭޝަން މަރުހަލާގެ ކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި އިސްލާމީ ތަރުބަވީ ފުރަތަމަ ފޮތް ސެޓް ރަސްމީކޮށް ނެރެފިއެވެ.
މި ފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި މި މަޝްރޫޢުގެ މަސްޢޫލުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ.
މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތަޢުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއް. 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެ،
ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މި މަޝްރޫޢުގެ ދަށުން މިއަދު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތް ނެރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ހުރިހާ ފޮތެއްވެސް މިހާރު ލިޔެ ނިމިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އިސްލާމީ ފަލްސަފާގެ މައްޗަށް ބިނާކޮށް ފައުންޑޭޝަން މަރުޙަލާގެ ފޮތްތަކެއް ރާއްޖޭގައި ނެރުނު ފުރަތަމަ ފަހަރެވެ.
މި ފޮތްތަކާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި ބަސް މި ފޮތްތަކުގައި ހިމެނޭނެ ކަމަށެވެ. އަދި މި ފޮތްތައް ފަރުމާކޮށްފައިވަނީ ޕްރީ ސްކޫލުތަކުގެ އިތުރުން ބެލެނިވެރިންނަށްވެސް ގޭގައި ތިބެގެން ދަރިންނަށް ކިޔަވައިދެވޭނެ ފަދަ ލުއި ގޮތަކަށެވެ.
މި ފޮތް ސެޓް ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން ގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތްތައް ތައްޔާރުކުރުމުގައި ޢާބިދާ މިސް ބައިވެރިވެވަޑައިގެންނެވި އިރު، ބޭބީ ނާސަރީގެ ޢަރަބި ފޮތް ތައްޔާރުކުރެއްވީ ނީނާ މިސްއެވެ. އަދި ފޮތްތަކުގެ ކުރެހުންތަކާއި ޑިޒައިންގެ މަސައްކަތް ކޮށްފައިވަނީ ޚަދީޖާ ޢަބްދުﷲ އެވެ.
މި މަޝްރޫޢަކީ ދިވެހި ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ އަގުތަކާއި އާދަކާދަތައް އަށަގަންނުވައި، ތަރުބަވީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.