ވިޔަފާރި / ޚަބަރު
ބިޒްނަސް ޕޯޓަލްގައި ނުނިމި ހުރި 12،000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަކުރަން މުއްދަތެއް ދީފި
ބިޒްނަސް ޕޯޓަލް ފޮޓޯ: އިންވެސްޓް މޯލްޑިވްސް
ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ފުރިހަމަ ނުކޮށް ހުރި 12،000 އަށްވުރެ ގިނަ އެޕްލިކޭޝަން ފުރިހަމަކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން 14 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ދައުލަތުގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓްރެޓެޖީ އެންޑް ރަޖިސްޓްރީ ސަރވިސް ކޮންސަލްޓަންޓް ބިޒްނަސް ރަޖިސްޓްރޭޝަން ޔޫސުފް ނައީމް ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް މަރުހަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކާ ގިނަ ހުށަހެޅުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތަށް ހުރި އެޕްލިކޭޝަންތަކުގެ އަދަދު 12،500 އަށް އަރާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި އެޕްލިކޭޝަންތަކަށް 14 ދުވަހުގެ މުއްދަތެއް އަޅުގަނޑުމެން ދޭނީ. ބުރާސްފަތި ދުވަހު ވާނީ ގެޒެޓްގައި އިއުލާންކުރެވިފައި. 14 ދުވަހުގެ މި މުއްދަތު ހަމަވާނީ 16 ޖުލައިވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށް
ޔޫސުފް ނައީމް
އޭނާ އިތުރަށް ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކުރާ އެޕްލިކޭޝަންތައް ޕޯޓަލްއިން ކެންސަލް ކުރެވިގެންދާނެ ކަމަށެވެ. އަދި ނަން ރިޒާވްކުރުމަށްފަހު ފުރިހަމަ ނުކޮށް ހުރުމުން އެޕްލިކޭޝަން ކެންސަލްވެއްޖެނަމަ، ދެވަނަ ފަހަރަށް އެ ނަން ބޭނުންވެގެން ހުށަހަޅާއިރު އެ ނަން ނުލިބުމުގެ ފުރުސަތު އޮތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ލިބޭ ފުރުސަތުގެ ބޭނުންހިފާ އެޕްލިކޭޝަންތައް ނިންމުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ސިސްޓަމަށް ގެނެވުނު ބަދަލުތަކާއެކު ކުރިއަށް އޮތް ތަނުގައި އެޕްލިކޭޝަނެއްގެ އެއްވެސް މަރުހަލާއެއް ފުރިހަމަ ކުރަން ޖެހިއްޖެނަމަ، އެކަން އީމެއިލް، މޯބައިލް އަދި ޕޯޓަލް ނޮޓިފިކޭޝަން މެދުވެރިކޮށް އަންގާނެއެވެ. އެ ނޮޓިފިކޭޝަން ލިބޭތާ 3 ދުވަހުގެ ތެރޭގައި އެކަމެއް ފުރިހަމަ ނުކޮށްފިނަމަ، ސިސްޓަމުން އޮޓަމެޓިކުން އެޕްލިކޭޝަން ކެންސަލްވާނެއެވެ.