ވިޔަފާރި / ޚަބަރު

ފައިނޭންޝަލް އެކްސްޕޯ ނިންމާލައިފި، 16,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި

ފައިނޭންޝަލް އެކްސްޕޯ ނިންމާލައިފި، 16,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި

މޯލްޑިވްސް ފައިނެންޝަލް އެކްސްޕޯ ފޮޓޯ: އެމްއެމްއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖުލައި 2026، 10:57

05 ޖުލައި 2026، 10:57

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" އަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެކްސްޕޯގެ ގޮތުގައި އެ އޮތޯރިޓީން ކަނޑައަޅައިފިއެވެ.

މިމަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މި އެކްސްޕޯ ނިމުނުއިރު، ޖުމްލަ 16,000 އަށްވުރެ ގިނަ މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މާލީ ދާއިރާއަށް އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ނިޒާމުގެ ތެރޭގައި އެންމެން ބައިވެރިކުރުވުމަށް ބާރުއެޅުމުގެ އިތުރުން ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އީޖާދުތައް ދައްކާލުމެވެ.

މި އެކްސްޕޯގައި މާލީ ދާއިރާގެ އެކި މުއައްސަސާތަކުން ޖުމްލަ 38 ސްޓޯލެއް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުން އާދައިގެ ސޭވިންގް އެކައުންޓެއް ހުޅުވުމުން ފެށިގެން، ލޯނަށް އެދުމާއި، އިންޝުއަރެންސްގެ ޚިދުމަތްތަކާއި، މުސްތަގުބަލަށްޓަކައި މާލީ ކަންކަން ރޭވުމާ ގުޅޭގޮތުން އަމަލީ އިރުޝާދާއި މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި ކޮންމެ މީހެއްގެ ބޭނުންތަކަށް އެންމެ އެކަށީގެންވަނީ ކޮން ކަހަލަ މާލީ ޚިދުމަތެއްކަން ދެނެގަތުމަށް ބޭނުންވާ އެހީތެރިކަންވެސް އެކްސްޕޯގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަކީ އުންމީދު ކުރިވަރަށްވުރެ ބޮޑު ތަރުހީބެކެވެ. އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުންވެސް ވަނީ މިއީ ވަރަށް ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. "އެކްސްޕޯގެ ތެރެއިން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ކަސްޓަމަރުން އައިސް އިންފޮމޭޝަން ހޯދައި އަދި މި ސްޓޯލްއިން އަޅުގަނޑުމެން ފޯރުކޮށްދޭ ގޭމްތައް ކުޅެފައިވަނީ،" އެކްސްޕޯގައި ބައިވެރިވި މުއައްސަސާއެއްގެ މަންދޫބަކު ބުންޏެވެ.

މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މާލީ ދާއިރާގެ މާހިރުންގެ ޕެނަލް މަޝްވަރާތަކާއި ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައްވެސް މި ތިން ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މިފަދަ އެކްސްޕޯއެއްގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އާންމުންގެ އޮތް އިތުބާރު ބޮޑުވެ، މާލީ ގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450