Ads by Farudhun

ޚަބަރު

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރަން މަޝްވަރާކޮށްފި

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރަން މަޝްވަރާކޮށްފި

ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އާއި ސަފީރު މަޙްލޫފް ބައްދަލުކުރެއްވުން. ފޮޓޯ: ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2026، 11:07

05 ޖުލައި 2026، 11:07

ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (ޖޭ.އޭ.ޓީ.އޭ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް، ޖޭ.އޭ.ޓީ.އޭގެ ރައީސް ކުނިހަރު އެބީންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސަފީރު މަހުލޫފް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޖޭ.އޭ.ޓީ.އޭގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. ޚާއްޞަކޮށް ޖަޕާނުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމަށް ޖޭ.އޭ.ޓީ.އޭގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންޓުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. "މި މަޝްވަރާތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރަން" މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު ޖުމްލަ 1,067,543 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، ހުސްވި ޖޫން މަހު އެކަނިވެސް 123,000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ ޖަޕާނު ފަދަ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450