ޚަބަރު
އައްޑޫން 'ރެޑް ޕާމް ވީވިލް' ފެނި، އެ އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި
އައްޑޫ ސިޓީ. ފޮޓޯ: ފޭސްބުކް އިޝާން
ރުކުގެ އާއިލާގެ ގަސްތަކަށް ބޮޑެތި ގެއްލުންދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ "ރެޑް ޕާމް ވީވިލް" (ރަތްމަޑި) އައްޑޫގެ ބައެއް ރަށްރަށުން ފެނުމާ ގުޅިގެން، އެ އަތޮޅުން ރުއް ބޭރުކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ފިޔަވަޅު އަޅާފައިވަނީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 12/2011) ގެ ދަށުން ކަމަށެވެ. މިއީ އެ ސޫފި ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރެޑް ޕާމް ވީވިލް އަކީ ރުކާއި، ކަދުރު ރުކުގެ އިތުރުން ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ ބާވަތްތަކަށް ބޮޑެތި ގެއްލުންދޭ މަޑިއެކެވެ. މި މަޑީގެ ފނީގެ މަރުހަލާގައި ރުކުގެ ކަނދުތެރޭގައި ހުންނަ މަޑު ބައިތައް ކައި ހުސްކުރަމުން ދިޔަ ނަމަވެސް، އެކަން ބޭރަށް ފެންނަން ނުހުންނާތީ ގެއްލުން ލިބެމުންދާކަން އެނގެނީ ރުކުގައި މަޑި ވަރަށް ބޮޑަށް އަށަގަންނަ ފަހުންނެވެ. އޭގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، މުޅި ރުއް މަރުވާ ގޮތް މެދުވެރިވެއެވެ.
އެ ވުޒާރާއިން ބުނީ މި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި އަވަހަށް މަޑިއުޅޭ ރުއްތައް ދެނެގަތުމާއި، ގަވާއިދުން ރުއްތައް ބަލައި ފާސްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިހާރު ވެސް އައްޑޫގައި މަޑި އުޅޭ ރަށްރަށުގެ ރުއްތަކަށް އިންސެކްޓިސައިޑް ބޭނުންކުރަމުން އަންނަ ކަމަށް ބަޔާނުގައި ވެއެވެ.
މީގެއިތުރުން މި މަޑި ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރުމަށްޓަކައި "ފެރޮމޯން ޓްރެޕްސް" ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ދަނީ ކުރެވެމުންނެވެ. ވުޒާރާއިން ވަނީ މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދިފައެވެ.