ޚަބަރު
މިއަދުގެ ރީތި ތާރީޚުގައި މާލެ ސަރަޙައްދުގައި 24 ކައިވެންޏެއް
ކައިވެނީގެ މަޖިލީހުގައި ބައިވެރިވުމަށް ބަޔަކު އާއިލާއާ ބެހޭ ކޯޓަށް ވަންނަނީ. ފޮޓޯ: ސަން
ޚާއްޞަ ނުވަތަ ރީތި ތާރީޚެއްގެ ގޮތުގައި ފާހަގަކުރެވޭ މިއަދު، މާލެ ސަރަޙައްދުގައި ޖުމްލަ 24 ކައިވެންޏެއް ކުރުމަށް ފެމެލީ ކޯޓުގައި ޝެޑިއުލްކޮށްފައިވާ ކަމަށް އާއިލާއާ ބެހޭ ކޯޓުން ބުނެފިއެވެ.
މިއަދުގެ ރަސްމީ ގަޑި ނިމުނުއިރު ކޯޓުގައި 6 ކައިވެންޏެއް ވަނީ ކޮށްދީފައެވެ. އަދި ބާކީ 18 ކައިވެނި މިއަދުގެ ނިޔަލަށް ކުރުމަށް ތާވަލުކުރެވިފައިވާއިރު، އެއްވެސް ކައިވެންޏެއް ކެންސަލް ނުވާނަމަ މިއަދު ކުރެވޭ ކައިވެނީގެ ޖުމްލަ އަދަދު 24 އަށް އަރާނެއެވެ. އާންމުކޮށް މިފަދަ ތާރީޚުތަކަކީ ގިނަ އަދަދެއްގެ ޒުވާނުން ކައިވެނި ކުރުމަށް އިސްކަންދޭ ދުވަސްތަކެކެވެ.
އަނެއްކޮޅުން، ކައިވެނިތައް ގިނަ މި ދުވަހުވެސް ކޯޓުގައި ވަރިއާ ގުޅުންހުރި މައްސަލަތައް ޝެޑިއުލްކޮށްފައިވާ އަދަދު ވަކިން މަދެއް ނޫނެވެ. އެގޮތުން ވަރިއާ ގުޅޭ 25 މައްސަލައެއް މިއަދުގެ ތާވަލުގައި ހިމަނާފައިވެއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު ދުނިޔޭގެ އެންމެ ވަރި ގިނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގައި ކުރެވޭ ކައިވެނިތަކުގެ ނިސްބަތުން ވަރިވާ މިންވަރު މަތީގައި ހުންނައިރު، ކައިވެނި ރޫޅުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން އިޖުތިމާޢީ އެކި މައްސަލަތައް ހިމެނޭކަން ކަމާބެހޭ ދިރާސާތަކުން ދައްކައެވެ.
ކައިވެނިތަކާއި ވަރީގެ އަދަދުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ކައިވެނި ރޫޅުން މަދުކުރުމަށްޓަކައި ކައިވެނީގެ ކުރިން ދެވޭ ކައުންސިލިންގ އަދި ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ހަރުދަނާކުރުމުގެ މުހިންމުކަން ކަމާގުޅޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެއެވެ.