ޚަބަރު
ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް, ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި
މީސަލްސް އަށް ޓެސްޓުކުރާ ލޭގެ ސާމްޕަލްއެއް
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ނުވަތަ މީސަލްސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޭޝަނަލް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރކަން ވެސް ކުރައްވާ ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ހިމަބިހި ޖެހިގެން 72 ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭއިރު، ބާކީ ހުރި ހުރިހާ ކޭސްތަކަކީ ވެސް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނެވެ.
ޑރ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވަނީ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން 2023 ވަނަ އަހަރު ހެދި ދިރާސާއަކާ ހަވާލާދީ އޭނާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 15 އަހަރާއި 20 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން، މި އުމުރުފުރާގެ މީހުން ވެކްސިން ޖަހާފައިވޭތޯ ޔަގީންކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ވެކްސިން ކާޑު ބަލައި، ޑޯޒްތައް ހަމަތޯ ޔަގީންކުރުމަށް އާންމުންނަށް އިރުޝާދު ދީފައެވެ. މީސަލްސް ހިމެނޭ އެކި ބާވަތުގެ ވެކްސިން ހުރި ނަމަވެސް، މުހިންމީ ދެ ޑޯޒް ހަމަވެފައި ހުރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ދިނުމުގެ އިންތިޒާމުތައް މާލެ ސަރަހައްދުގެ 6 ތަނެއްގައި މިހާރު ވަނީ ހަމަޖައްސާފައެވެ. އެ ތަންތަނަކީ:
- އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ
- ހުޅުމާލެ ހޮސްޕިޓަލް
- ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
- ވިލިމާލެ ހޮސްޕިޓަލް
- އޭޑީކޭ ހޮސްޕިޓަލް
- ޓްރީޓޮޕް ހޮސްޕިޓަލް
އަތޮޅުތެރޭގައި ވެކްސިން ދޭނެ ގަޑިތަކާއި ދުވަސްތައް އެ ރަށެއްގެ ސިއްޙީ މަރުކަޒުތަކުން އިއުލާން ކުރާނެއެވެ.
ހިމަބިއްސަކީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. މި ވައިރަސް ވައިގެ ތެރޭގައި 2 ގަޑިއިރު ވަންދެން ހުރެއެވެ. އެޗްޕީއޭއިން ބުނީ މިފަހަރުގެ އައުޓްބްރޭކްގައި މިހާތަނަށް ސީރިއަސް ކޭސްއެއް ފެނިފައި ނުވާ ކަމަށާއި، އެއީ ރާއްޖޭގެ ބޮޑު އާބާދީއެއް ވެކްސިން ފުރިހަމަކޮށްފައި އޮތުމުން ލިބޭ ރައްކާތެރިކަމެއް ކަމަށެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ ކެމްޕޭނެއް ވެސް މިހާރު ވަނީ ފަށާފައެވެ.