Ads by Farudhun

ޚަބަރު

ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް އޮތް އިތުބާރު ބޮޑުވެއްޖެ: ޢަބްދުއްރައްޒާޤު

ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް އޮތް އިތުބާރު ބޮޑުވެއްޖެ: ޢަބްދުއްރައްޒާޤު

ނެޝެނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޖުލައި 2026، 01:34

05 ޖުލައި 2026، 01:34

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހިންގަމުންދާ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ސަބަބުން އެ ހޮސްޕިޓަލަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް މަރުކަޒު ކަމަށެވެ. އަދި އެ ސެންޓަރުން ފޯރުކޮށްދެނީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ އިތުބާރު ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރައްޒާޤު އިތުރަށް ވިދާޅުވީ، ކާޑިއެކް ސެންޓަރާއެކު ރާއްޖޭގައި ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލިފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެ، ބަލިމީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިތުގެ ފަރުވާ ފަށާ، އެ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރީ އިޖާބީ މަސައްކަތެއް. މިއީ، ފަޚުރުވެރިވާންޖެހޭ ފަދަ ނަތީޖާއެއް. މިއީ، ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއެއް،

      ސީއީއޯ ރައްޒާޤު 

މި ސެންޓަރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން  ވިދާޅުވީ، ހިތުގެ ބަލިމީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ނިސްބަތް ދަށްކުރެވިފައިވާ ކަމަށާއި، މި ދާއިރާއިން ޤާބިލް މީހުން ބިނާކުރުމުގައިވެސް ސެންޓަރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އައްޑޫ ސިޓީގައި މިދިޔަ ފެބްރުއަރީ މަހު ފެށި ކެތްލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މިހާތަނަށް 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއެކު ހަދާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އުތުރުގައިވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކެތްލެބެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެތަނުން ޖާގަ ހަމަޖެހުނުހާ އަވަހަކަށް އުތުރުގައި ކާޑިއެކް އިންޓަވެންޝަންތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރައްޒާޤު ވިދާޅުވީ، ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ޚާއްސަ އިރުޝާދެއް ކަމަށެވެ. އަދި ކުރިން ބޭނުންނުކޮށް ހުރުމުގެ ސަބަބުން މައްސަލަ ޖެހިފައި ހުރި ކެތްލެބުގެ ޚިދުމަތްތައް އަލުން އިއާދަކޮށް ފަށާފައިވަނީ މި ސަރުކާރުގެ ބޮޑު އިސްކަމެއްގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450