ޚަބަރު
އައިޖީއެމްއެޗް ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު
ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން ފޮޓޯ:ރައީސް އޮފީސް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އައިޖީއެމްއެޗްގެ ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 1 ޖުލައި 2016 ގައެވެ. މި ސެންޓަރަށް 10 އަހަރު ފުރުމާ ގުޅިގެން ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގައި ހިތުގެ ބަލިތަކަށް ފަރުވާދޭ ޔުނިޓް އުފެދިގެން އައި ގޮތާއި، ފާއިތުވި އަހަރުތަކުގައި މި ޚިދުމަތް ފުޅާވެ ކުރިއަރާފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ ވަނީ އިފްތިތާޙުކޮށްފައެވެ. މި އައު ލޯގޯ އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތްދޭ، ހިތުގެ ބަލިތަކުގެ ކުއްލި ޙާލަތްތަކުގައި ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ތަނެކެވެ. އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި، މި ސެންޓަރުގެ މަސައްކަތްތައް ސަރަޙައްދީ ފެންވަރުގައި ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، ސެންޓަރު ހުޅުވިފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މިހާރު މި ސެންޓަރުން ދެމުންގެންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ޓްރެޑްމިލް ޓެސްޓް (ޓީއެމްޓީ)، އީސީޖީ، ޓްރާންސްއީސޮފޭގަލް އީކޯ ކާޑިއޮގްރާމް (ޓީއީއީ) އަދި އީކޯ ކާޑިއޯގްރާމް ފަދަ ޓެސްޓުތައް ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ކާޑިއެކް ސެންޓަރުގެ ސަބަބުން އައިޖީއެމްއެޗަށް އޮންނަ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ އެ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އެއް ތަން ކަމަށާއި، މިއީ ރައްޔިތުންނަށް ލިބުނު އަގުނުކުރެވޭ ފަދަ ހަދިޔާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކެތްލެބުގެ ޚިދުމަތް ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލުގައިވެސް ކެތްލެބެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކުގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، މީގެ ކުރިން ބޭނުންނުކޮށް ހުރި ކެތްލެބްތަކުގެ ޚިދުމަތް އަލުން ފަށާފައިވަނީ މި ސަރުކާރުގެ އިރުޝާދުގެ ދަށުންކަން ސީއީއޯ ފާހަގަކުރެއްވިއެވެ.