ޚަބަރު
މުވައްޒަފުންނަށް އިންޒާރުދިން ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް :އެމްއޭސީއެލް
އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ފޮޓޯ:އެމްއޭސީއެލް
އެއަރޕޯޓުގެ މުވައްޒަފުންތަކަކަށް އިންޒާރު ދިންކަމަށް ބުނެ ބައެއް މީޑިއާތަކުގައި ދައުރުވަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިންޒާރުދީ، ސެކިއުރިޓީ ފާސް ބޭނުންކުރުމާ ގުޅޭގޮތުން އެ ކުންފުނިން ވަނީ ސަރކިއުލަރއެއް ނެރެފައެވެ. އެ ނޫސްތަކުން ބުނެފައިވަނީ އެއަރޕޯޓުގެ ބެގޭޖް ކްލިއަރެންސް ސަރަޙައްދަށް ބައެއް މުވައްޒަފުން ގޮސް ފަސިންޖަރުންނާއި މުޢާމަލާތްކުރާ ކަމަށާއި، އޭގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތަކަށް ބުރުއަރާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ސަރކިއުލަރގައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްއިން ވިދާޅުވީ، އެއަރޕޯޓަކީ ސެކިއުރިޓީ މަތީ މިންވަރަކަށް ހިފަހައްޓަންޖެހޭ ތަނަކަށްވާތީ، ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އެކި ކަންކަމާ ގުޅޭގޮތުން ހަނދާން އައުކޮށްދީ ސަރކިއުލަރތައް ނެރުމަކީ އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. ބައެއް މީޑިއާތަކުން މިއީ ވަކި ޚާއްޞަ ޙާދިސާއަކާ ގުޅިގެން ނެރުނު އެއްޗެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، އެފަދަ އެއްވެސް ކަމެއް އެއަރޕޯޓުގައި ހިނގާފައިނުވާ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
އެއަރޕޯޓުގެ ސެކިއުރިޓީގެ ކަންކަމަށް އެންމެ އިސްކަންދޭނެ އެއްބަޔަކީ މުވައްޒަފުން. އެހެންކަމުން ސެކިއުރިޓީ ކަށަވަރު ކުރުމަށް މުވައްޒަފުންނަށް އަބަދުވެސް ހަނދާން އައުކޮށްދިނުމުގެ ގޮތުން އެތެރޭގެ ސަރކިއުލަރތައް ނެރުމަކީ ކުންފުނީގެ އުސޫލުގެ ތެރެއިން ކުރިއަށްދާ ކަމެއް،
އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ މައިދޮރާށި ކަމަށްވާއިރު، ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު ބޭނުންކުރާ މި ތަނުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. ބޯޑަރ ސެކިއުރިޓީ ވަރުގަދަކޮށް، ކުށްކުރާ ފަރާތްތަކަށް އޮތް ފުރުޞަތުތައް ހަނިކުރުމަށްޓަކައި އެއަރޕޯޓުގެ އިންތިޒާމުތައް ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމްއޭސީއެލްއިން ދެކެއެވެ.