ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ 'އެކުވެރި' ގައުމުތަކުގެ އުޅަނދުތަކަށް އީރާނުން ހާއްސަ ލުއިތަކެއް ދެނީ
ހޮރްމުޒް ކަނޑުއޮޅު. ފޮޓޯ: ރޮއިޓާސް
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އާ ފީތަކެއް ނެގުމަށް އީރާނުން ނިންމާފައިވީ ނަމަވެސް، ޗައިނާ އާއި އެހެނިހެން "އެކުވެރި" ގައުމުތަކަށް އެކަމުގައި ހާއްސަ ލުއިތަކެއް ދޭނެ ކަމަށް ޗައިނާގައި ހުންނަވާ އީރާނުގެ ސަފީރު އަބްދުއްރިޒާ ރަހްމާނީ ފަޒްލީ ވިދާޅުވެއްޖެއެވެ.
ބެއިޖިންގައި ބޭއްވި ވޯލްޑް ޕީސް ފޯރަމްގައި ވާހަކަދައްކަވަމުން ސަފީރު ފަޒްލީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިއަކީ އީރާނުގެ ސަރަހައްދީ ފެނުގެ ބައެއް ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސާވިސް ފީއެއް ނަގާނެ ކަމަށެވެ. ނަމަވެސް މިއީ "ޓޯލް" އެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އާ އިންތިޒާމުތަކަކީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނޫރު ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާ ފަދަ ގާތް ގައުމުތަކުގެ އުޅަނދުތަކުން ފީ ނެގުމުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅާނެއެވެ. މި މަސައްކަތް ކުރިއަށްދަނީ އޮމާނާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއެއްގެ ދަށުންނެވެ. އީރާނާއި އޮމާނަކީ މި މުހިންމު ކަނޑުއޮޅީގެ ދެފަރާތުގައި އޮންނަ ދެ ގައުމެވެ.
މިދިޔަ މަހު އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމެއްގެ ދަށުން 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި އުޅަނދުތަކަށް ދަތުރުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް އެ މުއްދަތަށްފަހު އަމަލުކުރާނެ ގޮތަކާ މެދު އަދިވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ. އެމެރިކާއިން ބުނަމުންދަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އެއްވެސް ފީއެއް ނެގުމުގެ ހުއްދަ އީރާނަށް ނޯންނާނެ ކަމަށެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ތަނެކެވެ. ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން އީރާނުން މި މަގު ބަންދުކުރުމުން ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. ސަފީރު ފަޒްލީ ވިދާޅުވި ގޮތުގައި، ހަތަރު މަސް ދުވަހުގެ ހަނގުރާމައަށްފަހު މިހާރު މި ކަނޑުއޮޅިއަކީ ސަލާމަތީ ގޮތުން ނުހަނު ނާޒުކު ސަރަހައްދެކެވެ.