ރިޕޯޓް

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓް މަޝްރޫއު: ރައްޔިތުންގެ ތަކުލީފުތަކަށް އުންމީދީ ހައްލެއް

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓް މަޝްރޫއު: ރައްޔިތުންގެ ތަކުލީފުތަކަށް އުންމީދީ ހައްލެއް

ހިޔާ ފްލެޓް ތަކުގައި ހަރު ކުރެވުނު ލިފްޓް - ފޮޓޯ: އެޗްޑީސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

05 ޖުލައި 2026، 11:38

05 ޖުލައި 2026، 11:38

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ހިޔާ ފްލެޓްތަކަކީ މިއަދު ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދެވެ. އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދާ މި މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ނަމަވެސް، ފެށުނީއްސުރެ މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އުމްރާނީ ގޮތުން ހުރި ބައެއް އުނިކަންކަމެވެ. އޭގެ ތެރެއިން ވެސް، ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ބަޔާންކުރަންވެސް ދަތި ކަންތައްތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މި އަޑުތައް ގާތުން އައްސަވައި، މި ކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގައެވެ.

މި މަޝްރޫއު ނިމުމުގެ ކުރިން ހިޔާ ސަރަހައްދުގެ ދިރިއުޅުން އޮތީ ވަރަށް ދަތި ހާލަތެއްގައެވެ. ކޮންމެ ދުވަހަކު ހެނދުނު ދަރިވަރުން ސްކޫލަށް ފޮނުވުމަށާއި، ވަޒީފާއަށްދާ ފަރާތްތަކުން ގަޑިއަށް އޮފީހަށް ދިއުމަށްޓަކައި އެތައް އިރެއް ކުރިން ލިފްޓް ކިއުގައި މަޑުކުރަން ޖެހެއެވެ. ބައެއް ފަހަރު 20 ނުވަތަ 30 މިނެޓު ކިއުގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ރައްޔިތުން ތިބީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުބަލިވެފައެވެ.

ވަކިން ހާއްސަކޮށް، ބަލިމީހުން އުފުލުމުގައާއި ކުއްލި ހާލަތްތަކުގައި ލިފްޓް ނުލިބިގެން އުފުލަންޖެހުނު ތަކުލީފަކީ އިންސާނީ ގޮތުން ބަލާއިރު ބޮޑު ކަންބޮޑުވުމެކެވެ. މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެއް މައްސަލައެވެ.

އިދިކޮޅު ފަރާތްތަކުން އެކަމާއި ގުޅޭގޮތުން ސަރުކާރަށް ހަޖޫ ޖަހާ ބުނަމުން ދިޔައީ ރައީސް މުއިއްޒު ވެރިކަމަށް ވަޑާއިގަތުމަށްޓަކައި ދައްކާ "ހޮޅި" ވާހަކަތަކެއް ކަމަށާއި، އެއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަމަށެވެ. ނަމަވެސް މިއަދު މި ފެންނަނީ އެ ދުވަސްތައް މާޒީއާ އެކުވެ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހެމުންދާ މަންޒަރެވެ. މިއަދު މިވަނީ ސަރުކާރަށް ހަޖޫޖަހައި މަލާމާތް ކުރި ފަރާތަކުގެ އަނގަ ބަންދުވެފައެވެ. އަދުގެ ސަރުކާރުން ހިޔާ ފްލެޓްތަކުގައި ހަރުކުރެވުނު އިތުރު ލިފްޓުތަކުގެ ބޭނުން އިދިކޮޅު ފަރާތްތަކުގެ އާއިލާތަކުންވެސް ކުރާނެކަން ޔަގީނެވެ. މި ސަރުކާރުން ނިންމި މި ޕްރޮޖެކްޓްގެ ސަބަބުން އިދިކޮޅު، އެއްކޮޅު ކިޔާނެ ކަމެއްނެތް، ރައްޔިތުންނަށްވީ ހަމަ ފައިދާއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު "ފަރުދުން" އަށް މައުލޫމާތު ދިން ގޮތުގައި މި ކަމަކީ ސަރުކާރުން ކުރެއްވި ރަނގަޅުކަމެކެވެ. މި ކަމުގައ ސަބަބުން ލިފްޓުގެ ކިއުއަށް ބޯޑު ލުޔެއްލިބިގެން ގޮސްފި ކަމަށެވެ.

"ކުރިން އަހަރުމެން ދަރިން ގޮވައިގެން ސްކޫލަށް ދާންވެސް ބައި ގަޑި އިރު ކުރިން ލިފްޓް ކައިރިއަށް ދާންޖެހޭ. މި ލިފްޓްތަށް ހަރު ކުރީމަ މިހާރު އެ އުނދަގޫ ވަރަށް ކުދާވެއްޖެ. ގިނަފަހަރަށް ކިއުނުވެސް އޮވޭ"

 ހިޔާ ފްލެޓްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމުލަ 32 ލިފްޓް ހަރުކޮށް ވަނީ ނިންމާފައެވެ. އެއީ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓެވެ. މި ލިފްޓްތަކުގެ ތެރޭގައި ހިމެނެނީ 14 މީހުންގެ ޖާގައިގެ ޕަސިންޖަރު ލިފްޓަކާއި ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސްޓްރެޗަރު އެރުވޭނެ ފަދަ ބޮޑު ސާވިސް ލިފްޓެކެވެ.

"މިހާރު މިފެންނަނީ ރައީސް އަހަރުމެންގެ އަޑުއެހިކަން. މިހާރު އެހެރީ ލިފްޓްވެސް ހަރުކޮށްފަ. ދެން ކީކޭ އިދިކޮޅު މީހުންކީކޭ ކިޔާނީ. މި ލިފްޓުތައް ބޭނުން ކުރާލެއް މަދެއްނޫން އެ މީހުންވެސް. މިހާރުގެ ރައީސް އަކީ ރައްޔިތުންގެ ވިންދާއި، އިހުސާސް އެނގޭ ވެރިއެއް، ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްޔިތުން ބުނާ ގޮތަށް"

ފްލެޓްގައި ދިރިއުޅޭ އެހެން މީހަކު ބުންޏެވެ.

"މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރުގައި ސްޓެރޗާ އެރުވޭ ލިފްޓުވެސް އޭގައި ހިމެނޭނެ."

ރައީސް މީގެ ކުރިން ވިދާޅުވިއެވެ.

ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތަކީ އިންޖިނިއަރިންގް ގޮތުން ބޮޑު ގޮންޖެހުންތަކެއް ހުރި މަސައްކަތެކެވެ. އިމާރާތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހުނު އިރު، ލިފްޓްތަކަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ހަރުކުރުމަށްޓަކައި ހުރިހާ އިމާރާތެއްގެ ގްރައުންޑް ފްލޯގެ ސްލެބް ނަގައި، ވަރުގަދަ ފައުންޑޭޝަނެއް ވަނީ އަޅާފައެވެ. 25 ބުރީގެ މި އިމާރާތްތަކުގައި ސްޓީލް ސްޓްރަކްޗާ ހަރުކޮށް، ކޮންމެ ފްލޯއަކާ ގުޅާލުމަށްފަހު، އެ ތަންތަން ރީތިކޮށް ފެންނާނޭހެން ކޮލެޑިންގް ޖަހައި ވަނީ ކަވަރުކޮށްފައެވެ.

އަލަށް ހަރުކުރެވޭ ލިފްޓްތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންތިހާއަށް އިސްކަންދީގެން ފަރުމާކުރެވިފައިވާ ތަންތަނެވެ. އެގޮތުން ކޮންމެ ލިފްޓެއްގައި 24 ގަޑިއިރު މޮނީޓަރު ކުރެވޭ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކުރެވިފައިވެއެވެ. އަދި ލިފްޓްތަކަށް ދިމާވާ އެއްވެސް މައްސަލައެއް ވަގުތުން ހައްލުކުރުމަށްޓަކައި، ކޮންޓްރެކްޓަރުގެ ހާއްސަ ޓީމެއް 24 ގަޑިއިރު ހަރަކާތްތެރިވާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހަރުކުރާ ލިފްޓްތަކަށް 5 އަހަރު ދުވަހުގެ ވޮރަންޓީއެއް ދީފައިވެއެވެ. މިއީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެކެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ފަދައިން، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމައަށް، އަދި އެންމެ ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. ހިޔާ ފްލެޓްތަކުގެ ލިފްޓް މަޝްރޫއަކީ ހަމައެކަނި އުމްރާނީ ތަރައްގީއެއް ނޫނެވެ. އެއީ ރައްޔިތުންގެ ވަގުތާއި، އަރާމާއި، އުފާވެރިކަމާ ގުޅިލާމެހިފައިވާ އިންސާނީ މަސައްކަތެކެވެ.

މީގެ އިތުރުން، ހުޅުމާލެ ފޭސް 1 ގެ ފްލެޓްތަކުގެ ކުލި 20 އިންސައްތަ ކުޑަކުރަން ނިންމެވި ނިންމެވުމަކީ ވެސް، އިގްތިސާދީ ދަތިތަކުގެ ތެރޭގައި ރައްޔިތުންގެ ޖީބަށް ލުއި ހޯދައިދިނުމަށް އެމަނިކުފާނު ކުރައްވާ އިހުލާސްތެރި މަސައްކަތުގެ ހެއްކެކެވެ. މި ހުރިހާ ކަމަކީވެސް ބޯހިޔާވަހިކަމުގެ ދާއިރާގައި ރައްޔިތުންނަށް ލުއިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ބައެކެވެ.

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓްތަކާ އެކު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ލިފްޓުގެ އިންތިޒާރުގައި ކުރިން އޮތް ކިޔު މިހާރު ނެތެވެ. މިއީ ރައްޔިތުންގެ އަޑުއައްސަވާ، ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއަކު ގައުމުގެ ހުންގާނުގައި ހުންނެވުމުގެ ނަތީޖާއެވެ. ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް މިފަދަ ފުރިހަމަ ހައްލުތައް ލިބި، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށްވަމުންދާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450