ޚަބަރު
ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބަޔަކަށް އަނިޔާވެއްޖެ
ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައޮ އަލިފާން ރޯވެފައި---
މާލޭގެ ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ގިނަ ބަޔަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ފުންފަޅުގޭގެ ހަތަރުވަނަ ފަންގިފިލާގައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކި ވަރުގެ އަނިޔާ ލިބިގެން ޖުމްލަ 21 މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ ތެރެއިން 18 މީހަކަށް އައި.ޖީ.އެމް.އެޗް ގައި ފަރުވާ ދެމުންދާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުގައި ދިރިއުޅޭ އާއިލާތައް މިހާރު ވަނީ ބޭރަށް ނެރެފައެވެ. ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން، ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ތަހުގީގު ހިންގަމުންނެވެ.