ކުޅިވަރު
ވާދަވެރި މެޗަކަށްފަހު މެކްސިކޯ ކަޓުވާލާ އިންގްލެންޑް ކުއާޓާ ފައިނަލަށް
މެޗުގެ ތެރެއިން. ފޮޓޯ: އިންޓަނެޓް
ވޯލްޑް ކަޕުގެ ގަދަ 16 ގެ ބުރުގައި މެކްސިކޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗު އިންގްލެންޑުން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މެޗު ކާމޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުން ވެސް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ، އަދި ގޯލުޖެހުމަށް ގިނަ ފުރުސަތުތަކެއް އުފައްދާފައިވަނީ މެކްސިކޯއިންނެވެ.
މެޗުގެ ފުރަތަމަ ލަނޑު އިންގްލެންޑަށް ޖަހާދިނީ އެ ޓީމުގެ ރިޔާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްއެވެ. މިއީ މެޗުގެ 36 ވަނަ މިނެޓުގައި، ބުކާޔޯ ސަކާ ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ދެ މިނެޓުފަހުން، މެޗުގެ 38 ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފާ ޖޫޑް ވަނީ އިންގްލެންޑްއަށް ދެ ވަނަ ލަނޑެއްޖަހާދީ ލީޑުފުޅާކޮށްފައެވެ.
ނަމަވެސް އޭގެ ތިން މިނިޓް ފަހުން މެކްސިކޯއިން ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. ހޫލިއަން ކިއުނޮނެންސް އޭރިޔާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލި މި ލަނޑާއެކު މެކްސިކޯއިން ހިތްވަރުއާކުރިއެވެ. އަދި ފުލުފުލުގައި އިނގެރޭސިވިލާތުގެ ގޯލާ އަމާޒުކޮށް ހަމަލާތައްދެމުންދިޔައެވެ
އެގޮތުން އެ ޓީމުގެ ރައުލް ހިމެނޭޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، އަނެއް ހަމަލާ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ޕިކްފޯޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް އިންގްލެންޑްގެ ޖެރެލް ކުއަންސޯއަށް ވަނީ ރަތް ކާޑެއް ދައްކާ މެޗުން ބާލުވާފައެވެ. އެއީ އޭނާ މެކްސިކޯގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރުން ބެލުމަށްފަހު ދެއްކި ރަތް ކާޑެކެވެ.
މެކްސިކޯގެ ކީޕަރު، އެންތޮނީ ގޯޑަންއަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ 60 ވަނަ މިނެޓުގައި އިންގްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ނަގައިދީ އެ ޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.
މީގެ ފަހުން މެކްސިކޯއަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި އެއީ ކޭން ގުޓިއެރޭޒްއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއެކެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒްއެވެ.
މި މޮޅާއެކު ކުއާޓާ ފައިނަލުގައި އެ ޓީމުން ނިކުންނަން ޖެހޭނީ، ބްރެޒިލް ބަލިކޮށް ރޭ ކުއާޓާ ފައިނަލަށް ދަތުރުކުރި ނޯވޭއާއި ދެކޮޅަށެވެ.