ޚަބަރު
އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އޯގަސްޓް މަހުގެ ނިޔަލަށް ޑިޖިޓަލް ކުރަނީ
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ: މަޖިލިސް
އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމަވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ދަތުރުފަތުރުގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންލައިންކޮށް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް، "ވަންގަވް" މެދުވެރިކޮށް މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ވަންގަވްއާ ހަވާލުކޮށްގެން އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން. އެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެ ސީދާ ތަފްސީލް، މިސާލަކަށް އީފާސް މެދުވެރިކޮށްތޯ، ނުވަތަ ކިހިނެތްތޯ ހަދާނީ މިކަމާބެހޭ ޖުމްލަ ތަސައްވަރެއް އެބައޮތް އަޅުގަނޑުމެންގެ އަތުގައި،
ވަޒީރު ސަޢީދު
މި ބަދަލާއެކު ދަތުރުފަތުރުގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އެއްގަމު ދަތުރުފަތުރުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ފަދައިން، އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލެވޭނެ ކަމަށެވެ.
މިވަގުތު އާރުޓީއެލްގެ ޚިދުމަތް 15 އަތޮޅެއްގައި 35 ހައި ސްޕީޑް ލޯންޗް މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ޚިދުމަތް އަދި ނުފެށި އޮތީ އެންމެ 5 އަތޮޅެއްގައި ކަމަށްވެސް ވަޒީރު މުޙައްމަދު ސަޢީދު މަޖިލީހުގައި މައުލޫމާތު ދެއްވިއެވެ.