Ads by Farudhun

ޚަބަރު

އާ ލިފްޓްތަކާއިއެކު ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ: އެމްޑީ ޒުހައިރް

އާ ލިފްޓްތަކާއިއެކު ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ: އެމްޑީ ޒުހައިރް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރް. ފޮޓޯ: ފަރުދުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2026، 11:02

06 ޖުލައި 2026، 11:02

ހިޔާ ފްލެޓްތަކުގައި މި ސަރުކާރުން ތަރައްގީކުރި އާ ލިފްޓްތަކާއިއެކު ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބި، ވަގުތު ސަލާމަތްވެގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

 މި މަޝްރޫއު ނިންމައި މިރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.

އެމްޑީ ޒުހައިރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ހިޔާ ފްލެޓްގެ ރައްޔިތުން އުފުލި އެންމެ ބޮޑު އެއް ތަކުލީފަކީ ލިފްޓަށް މަޑުކުރަން ޖެހުމުގެ ސަބަބުން ގެއްލޭ ގިނަ ވަގުތުތައް ކަމަށެވެ. ޚާއްސަކޮށް ވަޒީފާއަށާއި ސްކޫލަށްދާ ގަޑިތަކުގައި މި ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހިމެނޭހެން ޖުމްލަ 32 ލިފްޓް ވަނީ ހަރުކޮށްފައެވެ. "އަލަށް ހަރުކުރެވުނު ކޮންމެ ލިފްޓަކީ އެއްފަހަރާ 21 މީހުންނަށް އަރާފޭބޭނެ ޒަމާނީ ފެންވަރުގެ ލިފްޓްތަކެއް. އަދި ބަލި މީހުން އުފުލުމަށް ބޭނުންވާ ސްޓްރެޗާ ވެސް ފަސޭހައިން ވެއްދޭނެ ޖާގަ ތަނަވަސް ލިފްޓްތަކެއް،" އެމްޑީ ޒުހައިރު ވިދާޅުވިއެވެ.

މި ލިފްޓްތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ހިޔާ ޓަވަރުތަކަށް ފަސޭހައިން އެމްބިއުލަންސް ވަދެ ނިކުމެވޭނެ އިންތިޒާމް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. ޒުހައިރު ވިދާޅުވީ މިއީ ރައްޔިތުންގެ އަޑުއައްސަވައިގެން ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މުހިންމު ނަތީޖާއެއް ކަމަށެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ގޮތަކުން އަމާން އަދި ނަމޫނާ ސަހަރަކަށް ހެދުން ކަމަށް ޒުހައިރު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ބިނާވެށި ތަރައްގީކުރުމާއި، ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450